ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށާއި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ޤާއިމުކުރުމަށްޓަކައި މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިންއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދުގައެވެ.

އެ ދެ ވުޒާރާގެ ދެމެދުގައި އެކުލަވާލި މި އެމްއޯޔޫގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި ގަސްގަހާގެހި އިންދައި، އެ ތަންތަން އެގްރޮފޮރަސްޓްރީ ދަނޑުތަކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ދޭ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުލިބޭނެ ފަދަ ދެމެހެއްޓެނިވި ނިޒާމެއް ބިނާކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 4 ލައްކަ ގަސް ސަޕްލައިކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 10 ރަށެއްގައި 10 ނާސަރީ ތަރައްޤީކުރުމަށް މިހާރުވެސް ކައުންސިލްތަކާއެކު އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިހާތަނަށް 1.8 މިލިއަން ގަސް ވަނީ އިންދާފައެވެ. އަދި އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް ވައުދުވެފައިވާ އިރު، މި މަޝްރޫޢަށް ގަސް ސަޕްލައިކޮށްދިނުމަށް މިހާރުވެސް ދެ ފަރާތަކުން ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ނިމިގެންދާއިރު، ރާއްޖޭގެ ރަށްތަކުގެ ފެހިކަން އިތުރުވެ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.