ދައުލަތުގެ އާމްދަނީ 24.1 ބިލިއަން ރުފިޔާއަށް އަރަފި އެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން 23 ޖުލައިގެ ނިޔަލަށް އެކުލަވާލައި ތައްޔާރުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީއާއި ހިލޭ އެހީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތަ އިތުރުވެ 24.1 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މިކަމަށް މަގުފަހިވީ، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ދެމިހުރި ގޮތެއްގައި އިތުރުވުން ހިމެނޭ ގޮތަށް، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މާލީ ވުޒާރާއިން ބުނެ އެވެ.
އެ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 21.7 ބިލިއަން ރުފިޔާއަށްވުރެ 2.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 12.1 އިންސައްތަ ނުވަތަ 2 ބިލިއަން ރުފިޔާ އިތުރުވެ، 16.4 ބިލިއަން ރުފިޔާއިން 18.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މީގެ އިތުރުން، އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށްވީ އިރު، މި މުއްދަތުގައި ޖީ.އެސް.ޓީ ގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 9.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.7 އިންސައްތަ ނުވަތަ 878.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މިގޮތުން އާންމު މުދަލާއި ހިދުމަތްތަކުން ނަގާ ޖީ.އެސް.ޓީން ލިބުނު އާމްދަނީ އިތުރަށް ކުރިއަރައި، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.6 އިންސައްތަ އިތުރުވެ، 3.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.7 ބިލިއަން ރުފިޔާއަށްވުރެ 371.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ފާއިތުވި ހަފުތާގެ ތެރޭގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވި ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓީ.ޖީ.އެސް.ޓީ 8.0 އިންސައްތަ ނުވަތަ 507.2 މިލިއަން ރުފިޔާ އިތުރުވެ، 6.4 ބިލިއަން ރުފިޔާއިން 6.9 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މި އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 40.4 ބިލިއަން ރުފިޔާގެ ތެރެއިން 59.7 އިންސައްތަ، 23 ޖުލައިގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައިވާ ކަމަށްވެސް މާލި ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ރިކަރަންޓް އަދި ކެޕިޓަލް ހަރަދުގެ ޖުމްލަ ހުރީ 25.5 ބިލިއަން ރުފިޔާގައި ކަމަށްވި އިރު މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 21.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.7 އިންސައްތަ ނުވަތަ 4.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އިތުރުވުމުން ދައްކުވައިދެނީ، ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި، ސިއްހީ ހިދުމަތްތަކަށާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ދެމިހުރި ގޮތެއްގައި ފައިސާ ޚަރަދުކުރަމުން ދިއުމެވެ.
މުސާރައާއި އުޖޫރައާއި ޕެންޝަނަށް ކުރި ހަރަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތަ އިތުރުވެ 8.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 7.8 ބިލިއަން ރުފިޔާއަށްވުރެ 739.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިއީ ނޮވެންބަރު 2025 ގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާތީ އައިސްފައިވާ ބަދަލެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން މައުލޫމާތު ދެއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އާސަންދައަށް ކުރި ހަރަދު 1.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 1.1 ބިލިއަން ރުފިޔާއަށްވުރެ 14.8 އިންސައްތަ ނުވަތަ 161.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ސަބްސިޑީއަށް ކުރި ހަރަދު 79.0 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި 23 ގެ ނިޔަލަށް ހޭދަކުރި 1.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް އުފުލިފައިވާތީ ސަބްސިޑީއަށް ކުރާ ހަރަދުތައް މި އަހަރުގެ ތެރޭގައި އުފުލިފައިވާކަން ފާހަގަކުރެވެއެވެ.
23 ޖުލައިގެ ނިޔަލަށް ހުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި 1.5 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ލިބިފައިވާއިރު، އޯވަރޯލް ބެލެންސް ހުރީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައިކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.