ފުލުހުން ބަލަމުން އަންނަ ހައްދުފަހަނަ އަޅައި ދިއުމާއި ޓެރަރިޒަމް މައްސަލައެއްގެ ތަހުގީގަކަށް ހާޒިރުކުރަން ބޭނުންވާ ދެ މީހަކު ނުފެނިގެން ހާޒިރުވާން އަންގައި އެ ދެ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ކުރަމުން އަންނަ ތަހުގީގަކަށް ހާޒިރު ކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލު ނުކުރެވިގެން ދެ މީހަކު ހޯދަމުން އަންނަ ކަމަށެވެ.
ހޯދަމުން އަންނަ ދެ މީހުންނަކީ ށ. ކޮމަންޑޫ ހިޔަލީގެ އިބްރާހިމް އަޒުހަދު (36އ) އާއި ގއ. ކަނޑުހުޅުދޫ ނިއުޒިލް ޝިހާނު އަހްމަދު (27އ) ކަމަށެވެ.
އެހެންކަމުން ފުލުހުންގެ ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ އަމަލުތައް ހުއްޓުވުމާއި އެފަދަ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓުން އެ ދެމީހުންގެ މައްޗަށް ކުރަމުން އަންނަ ތަހުގީގާ ގުޅިގެން ސުވާލު ކުރުމަށް އެ ދެމީހުން ހާޒިރުވާން ވަނީ އަންގާފައެވެ.
މިގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ 3:00 އަށް އިބްރާހިމް އަޒުހަދު އަދި، ނުވަވަނަ ދުވަހުގެ 9:00 އަށް ޝިހާނު އަހުމަދު ސާޖަންޓު އާދަމް ހަލީމް، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެ.