ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެހި ހުޅުމާލެ ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ފާލާން މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން ބުނީ ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ބޮޑެތި ގެއްކުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކޮށްފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އަދި މިއީ ގިނަ ބަޔަކު ބޭނުންކުރާ ޖެޓީއަކަށް ވާތީ، އެތަނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ގެންގޮސް އަވަސް ފުރުސަތެއްގައި އަލުން ހުޅުވާލުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ޖެޓީ ބަންދުކޮށްފައިވާ މުއްދަތުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ އެންމެހާ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ.

އަދި އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާއްމުންނަށް ވީހާވެސް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.