ފަހި ދިިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފްލެޓުތަކުގެ އާންމު ސަރަހައްދަށް އަޅާފައި ހުންނަ ކުނި ނައްތާލުމަށް މިހާތަނަށް 13.4 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

އެފްޑީސީން ކުރި ޕޯސްޓެއްގައި މިއަދު ވަނީ ފަހި ފްލެޓްތައް ކައިިރިން ކުނި ނެގުމަށް ހިނގާފައިވާ ހަރަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެފްޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ސަހަރައްދުން ކުނި ނެގުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް 8.45 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އޭޕްރިލް މަހު 75.1 ހާސް ރުފިޔާ ހަރަދުކޮށްފައިވާއިރު، މެއި އިން ޖޫން މަހުގެ ނިޔަލަށް އެ ސަރަހައްދުން ކުނި ނަގަން 4.95 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އެއިން ދައްކާ ގޮތުގައި އެ ސަރަހައްދުން ކުނި ނެގުމަށް މުޅި ޖުމްލަ 13،481،557.15 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އެފްޑީސީން ބުނި މިހާތަނަށް 5،040 ޓަނުގެ ކުނި އެ ސަރަހައްދުން ނަގާފައިވާ ކަމަށެވެ.

އެފްޑީސީން ބުނީ ކުނި ނައްތާލުމުގެ މަސައްކަތަށް ބޮޑު ހޭދައެއް ކުރަން ޖެހުނީ އާންމު ސަރަހައްދުތަކަށް ކުނި އަޅާފައި ހުރުމުގެ ސަބަބުން ކަމަށެވެ.

ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން އާންމު ސަރަހައްދުތައް ސާފުކޮށް ބޭއްވުމަށް އެފްޑީސީން އަދި ދައުލަތުގެ ބަޖެޓުން ވެސް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ހަރަދުތައް ކުޑަކޮށް، ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށް ކުނި އުކާލުމުގައި މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.