ޑޮލަރުގެ ކަޅު ބާޒާރު ނުހުއްޓުވޭތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)ގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޫސާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑޮލަރުގެ އަގު ތިރިނުވެގެން ސަރުކާރާއި ރައްޔިތުން ހަނާވަނީ ކަމަށެވެ.

މޫސާ ވިދާޅުވީ، ހަމައެކަނި ބަންގްލަދޭސް މަސައްކަތު މީހުން މާލޭގަ ތިބޭ އެގައުމު މީހުންގެ އަތަށް ދިވެހި ރުފިޔާ ދިނީމުން 15.42 ގެ ރޭޓުން ހިސާބުހަދާފާ ބަންގާޅުގަ ހުންނަ އާއިލާ މީހާއަށް -/120 ރޭޓުން ޓާކާ ލިބޭ ކަމަށެވެ.

މޫސާ ވަނީ، މި އަދަދުން ދިވެހި ރުފިޔާ ފޮނުވާ ބިދޭސީ އޭޖެންޓުންނަށް ލިބޭ ދިވެހި ރުފިޔާއަށް ރާއްޖޭގެ ބްލެކްމާކެޓުން މިލިއަނުން ޑޮލަރުގަނެ ވިއްކާ ވިޔަފާރި ކުރާކަން ފާހަގަކުރައްވާ، މައުކަޒީ ބޭންކް، އެމްއެމްއޭ، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އަށް ނުވަތަ ރާއްޖޭގަ ލައިސެންސް އޮތް ބޭރުގެ ބޭންކަކަށް ރަސްމީ ލިއެކިއުމެއް ނެތި މިފަދަ މުއާމަލާތް ހިންގާ މީހުނަށް ލިބޭ ރުފިޔާއަށް ޑޮލަރުގަނެ ވިއްކާ އަދި ބޭރުކުރަން ކޮންމެވެސް އިންތިޒާމެއް އޮންނަނީތޯ ސުވާލު އުފައްދަވާފަ އެވެ.

މޫސާ ވަނީ، ކުރީގެ ރައީސުންނާއި މިހާރުގެ ރައީސުން ވެސް ޑޮލަރުގެ އަގު ތިރި ނުވެގެން މުދުނަށް ދެލޯއަރައިގެން އެވާހަކަ ގޮވާއިރު، ގާނޫނެއް ތަންފީޒުވެފައި ނުވާކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކަށް ގިނަ އަދަދެއްގެ މީހުންގެ ފާޑުކިޔުންތަށް އަމާޒުވެފައިވާ އިރު، ޑޮލަރުގެ ކަޅު ބާޒާރު ފުޅާވަމުންދާ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.