މި އަހަރުގެ ފުރަތަމަ ފަސް މަހު އަމިއްލަ ކުންފުނިތަކުން ރާއްޖެ އެތެރެ ކުރި މުދަލުގެ އަދަދު 14 އިންސައްތަ އަށް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުން، މެއި މަހުގެ ނިޔަލަށް 1.2 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެ ކުރީ އެއް ބިލިއަން ރުފިޔާގެ މުދަލެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖެއަށް އެތެރެ ކުރި މުދަލުގެ 66 އިންސައްތަ ގެންނަނީ އަމިއްލަ ވިޔަފާރިތަކުންނެވެ. ބާކީ 34 އިންސައްތަ ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހު ސަރުކާރުން ރާއްޖެއަށް މުދާ އެތެރެ ކުރި މިންވަރު 52 އިންސައްތަ އިތުރުވެފައިވާ އިރު މިއަހަރުގެ މި މުއްދަތުގައި 528 މިލިއަން ރުފިޔާގެ މުދާ ސަރުކާރުން އެތެރެ ކުރި އެވެ. އަދި މިދިޔަ އަހަރު އެ އަދަދު ހުރީ 347 މިލިއަން ރުފިޔާގަ އެވެ.

މުދާ އެތެރެ ކުރި މިންވަރު އެހާބޮޑަށް އިތުރުވި އެއް ސަބަބަކީ ތެލުގެ އަގު އުފުލުން ކަން ތަފާސްހިސާބުތަކުން ފާހަގަކުރެވެ އެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަހު 1.8 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާ އިރު، ތެޔޮ އެތެރެ ކުރުމަށް 498 މިލިއަން ރުފިޔާ ހޭދަވި އެވެ.

މީގެ އިތުރުން ކާބޯތަކެތި އެތެރެ ކުރުމަށް 350 މިލިއަން ރުފިޔާ އަރަފައިވާ އިރު، ކާބޯތަކެތީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ދިޔައީ މަހުގެ ބާވަތްތައް އެތެރެ ކުރާށެވެ. މަހުގެ ބާވަތްތައް އެތެރެ ކުރުމަށް 68 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި މޭވާގެ ބާވަތްތައް އެތެރެ ކުރުމަށް 50 މިލިއަން ރުފިޔާ ހޭދަވި އިރު ކިރުގެ ބާވަތްތައް އެތެރެ ކުރުމަށް 47 މިލިއަން ރުފިޔާ ހޭދަވި އެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހު މުދާ އެތެރެކުރި މިންވަރު ވަނީ 11 އިންސައްތަ އިތުރުވެ، 234 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފަ އެވެ.