މާލެ ސަރަހައްދުގެ ޓްރާންސްފާ ސްޓޭޝަންތަކުން ކުރިއެކޭ އެއްގޮތަށް ކުނި ބަލައިގަތުމުގެ ޚިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯގެ ކުނިއުކާލުމުގެ އޮޕަރޭޝަނަށް ބުރޫއެރީ ތިލަފުށީގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 21:30 އެހައިކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ކުނިތަކެއް އެނދުމާ ގުޅިގެންނެވެ.
އެގޮތުން މިކަމާގުޅިގެން ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ ހިދުމަތްތައް ކުރިއެކޭ ވެސް އެގޮތަށް މެދުނުކެނޑި މިއަދުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި އެ ކުންފުނީގެ ކުނި ނެގުމުގެ ހިދުމަތް "ކެޕްސް" ނުވަތަ ބޮޑެތި ކުނި އުކާލަދިނުމުގެ ހިދުމަތް ކުރިއެކޭ އެގޮތަށް ފޯރުކޮށްދޭނެ ކަމަށް ވެސް ވެމްކޯ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން ވެމްކޯ އިން ބުނީ ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ހުންނަން ވާނީ ކުނި އުފުލުމުގެ މިންގަނޑުތަކާއި އުސޫލާ އެއްގޮތުގެ މަތިން ކަމަށެވެ.
އަދި ސީއެންޑީ ކުނި އުކާލުމުގައި ވެއްޔާއި، ކޮންކްރީޓް ބުރިތަކާއި، ތަށިމުށި ފަދަ ތަކެތި ހިމެނޭ ގާކުނި އަދި ޕީވީސީ ހޮޅި، ލަކުޑި، ދަގަނޑު އަދި ޕްލާސްޓިކް ފަދަ ތަކެތި ހިމެނޭ "ސީއެންޑީ އެހެނިހެން ކުނި" ހުންނަންވާނީ ދެ ބަޔަކަށް ވަކިކޮށްފައި ކަމަށްވެސް ވެމްކޯ އިން އަންގާފައި ވެއެވެ.
ވެމްކޯއިން އިންޒާރު ދީފައިވާ ގޮތުގައި، މިގޮތަށް ވަކިކޮށްފައި ނުވާނަމަ އެ ކުންފުނީގެ ސައިޓްތަކުން ކުނި ބަލައެއް ނުގަންނާނެއެވެ.
މި ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ ކުނި މެނޭޖްކުރުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމެވެ.
ތިލަފުށީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ކުނިތަކެއް އެނދުމާ ގުޅިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކޮށް، ބޮޑެތި ކުނި ބަލައިގަތުން ވެމްކޯ އިން މެދުކަނޑާލި އެވެ.
ެއެގޮތުން ހަފްތާއެއްހާ ދުވަހު ކުނި އުކުމުގެ އޮޕަރޭޝަނަށް ބުރޫ އެރުމާ ގުޅިގެން މާލެ ސަރަހައްދުގެ މަގުމަތީގައި ކުނި ގިނަވުމުގެ ޝަކުވާތައް މާލެ ސިޓީ ކައުންސިލުން ވެސް ވަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.