ކުއްޖާއަށް ގާތުން ދިނުމުން ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ކުއްޖާއާއި އޮންނަ ގުޅުން ވަރުގަދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއާއި ގުޅިގެން މީސްމީޑިއާގައި އާންމުކުރެއްވި ކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ، މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ޖުމްލަކޮށް މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ.
މައިން ދަރިފުޅަށްޓަކައި ހޭދަ ކުރާ ވަގުތާއި ވާޤުރުބާނީ އަކީ މައިވަންތަކަމުގެ ލޯބީގެ މިސާލެއްކަން ފާހަގަކުރައްވާ ސާޖިދާ ވަނީ، ކުއްޖާއަށް ގާތުން ދިނުމުން ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ކުއްޖާއާއި އޮންނަ ގުޅުން ވަރުގަދަކުރެވި، މުޅި އުމުރަށް ދެމިގެންދާ ދުޅަހެޔޮކަމުގެ ގުޅުމުގެ ބިންގަލެއް އެޅިގެންދާކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން، ވޭތުވެ ދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅާއެކު ވަގުތު ހޭދަކޮށް ގާތުން ކިރު ދިނުމަށް ދެވޭ ފުރުސަތު (ނާސިންގް ބްރޭކް) 2 އަހަރަށް އިތުރުކޮށްދީފައިވާކަން ސާޖިދާ ވަނީ ފާހަގަކޮށްފައެވެ.
ހަމަމިއާއެކު މުސާރަ ލިބޭ ގޮތަށް ދެވޭ މައިންގެ ޗުއްޓީ (މެޓާނިޓީ ލީވް) ރައްކާތެރިކުރުމާއި، މައިންނާއި ޅަދަރިންގެ ސިއްޙީ ކަންކަން ފުޅާކުރުމުގައި ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ، ކުދިންގެ ދިރިއުޅުމަށް އެންމެ ދުޅަހެޔޮ ފެށުމެއް ހޯދައިދިނުމަށްޓަކައި، މައިންގެ ޗުއްޓީއާއި ގާތުން ދިނުމަށް ދޭ ވަގުތު ހިމެނޭހެން، ސަރުކާރުން ދީފައިވާ ހައްގުތަކާއި އިނާޔަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ވަޒީފާއާއި ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެފަހަރު މުސާރައިން ނުކެނޑޭ ގޮތަށް 30 މިނެޓުގެ ވަގުތުކޮޅެއް ދޭން ޖެހޭ އިރު، މީގެ ކުރިން ގާނޫނުން މިފުރުސަތު ދެނީ 1 އަހަރު ދުވަހަށެވެ. ނަމަވެސް މިއަހަރު މާރިޗު މަހުގެ މެދުތެރޭ ތަސްދީގު ކުރެވުނު އިސްލާހުގެ ތެރެއިން އެ މުއްދަތު ވަނީ 2 އަހަރަށް އިތުރުކޮށްފައިވާ އިރު، އެ ގާނޫނުގެ ދަށުން ވިހެއުމުން 6 މަސް ދުވަހުގެ ޗުއްޓީއެއް މައިންނަށް ލިބޭ ގޮތަށް، ގާނޫނުން ވަނީ ހަމަޖައްސާފަ އެވެ.
ކޮންމެ އަހަރެއްގެ ގާތުން ދިނުމުގެ ހަފްތާ ފާހަގަ ކުރަނީ އެއަހަރެއްގެ އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގައި ކަމަށް ވީ އިރު، މިއަހަރުގެ ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ ޝިއާރަކީ "ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން: ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން" އެވެ. ސާޖީދާ ވަނީ މިއަހަރުގެ ޝިއާރާ އެއްގޮތަށް މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލައްވާފައެވެ.