މިއަދުވެސް މޫސުން އެއްކޮށް އަލި ނުވާނެ ކަމަށާއި، ކެރީގެ އަސަރު އެކި ސަރަހައްދުތަކަށް ފޯރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓު އޮފީހުން ބުނީ، މިހާރު ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމުން، މޫސުން އެއްކޮށް އަލި ނުވާނެ ކަމަށާއި ކުރިއަށް އޮތް 10 ދުވަހު ވެސް ކޮންމެވެސް ވަރަކަށް ހުރިހާ ސަރަހައްދަކަށް ވެސްކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އަދި މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ނުކުރެވުނު ނަމަވެސް ހުރިހާ ސަރަހައްދަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނި ބުނެފައެވެ.
މީގެ އިތުރުން ވައި ވެސް މިހާރު މަޑުވެފައިވާ ކަން ފާހަގަކޮށް މެޓު އޮފިހުން ބުނީ، މިހާރު ވައިޖެހެމުން ދާނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެޓުން ވަނީ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.