ކ. ގާފަރު ކާރިން ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުން 2 ބިދޭސީން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބުނެފި އެެވެ.

އެމްއެންޑީއެފުން އެކްސް ގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލިގެން ގެއްލުނު 2 ބިދޭސީން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއާ ކޯއިން މިހާތަނަށް ކަނޑާއި ވައިގެ މަގުން 2،747 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ކޮޅުވެއްޓި އަޑިޔަށްދިޔަ ސަރަހައްދު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ.

މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު 2 ބިދޭސީން އަދި ފެނިފައި ނުވާކަަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮޅުވެއްޓި ބަނޑުން ޖަހާލި ހާދިސާ ޖުލައި މަހުގެ 31 ވަނަދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރު ހިނގިއިރު މި ކޮޅުވެއްޓީގައި ތިބީ 2 ދިވެހިންނާއި 8 ބިދޭސީން ކަމަށްވީ އިރު، މިހާތަނަށް ފެނިފައި ނުވަނީ 2 ބިދޭސީންނެވެ.

މިހާދިސާގައި ސަލާމަތްވި 8 މީހުން ގާފަރަށް ގެންގޮސްފައިވާއިރު، ގާފަރު ކައުންސިލުން މީޑިއާއަކަަށް މައުލޫމާތުދެމުން ބުނީ، އެ މީހުންގެ ގައިން ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދި އަނިޔާތައް ލިބިފައި ހުރި ނަމަވެސް އެ 8 މީހުންގެވެސް ހާލު ރަނގަޅު ކަމަށެވެ.