ވެލާނާ އެއާޕޯޓުގެ ޖެޓީއަށް ކަނޑު އުޅަނދުތައް ގާތް ކުރެވޭނީ ރަޖިސްޓްރީ ކޮށްގެން ކަމަށް ހަމަޖެއްސި އުސޫލަށް އިއްޔެ އަމަލުކުރަން ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ، 1 އޮގަސްޓުން ފެށިގެން އެއާޕޯޓަށް އުޅަނދު ކައިރިކުރުމާއި ފަޅުތެރޭގައި ބޭއްވޭނީ ހުއްދަ ނަގައިގެން ކަމަށެވެ.
އެމްއޭސީއެލް އިން އެކަން ކުރަން ވަކިޕޯޓަލެއްގާއިމުކޮށްފައިވާ ކަމަށް ބުނެފައިވާ އިރު، ބަނދަރު ބޭނުންކުރާ އުޅަނދުތައް"ހާބަ ޕޯޓަލް"ގައި ރަޖިސްޓްރީކުރަން ނިންމީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ޕޯޓަލް މެދުވެރިކޮށް ބެލެހެއްޓުމާއި އޮޕަރޭޝަނަލް ކަންކަން މޮނިޓާ ކުރުމުގައި ލުއިފަސޭހަތަކެއް ލިބުމަކީ ވެސް އޭގެ އެއް ބޭނުން ކަމަށެވެ. އަދި އެ ޕޯޓަލް ބޭނުންކުރުން ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި އިސްކަންދެނީ އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި ޕޯޓަލް ބޭނުންކުރަން އުޅަނދުތަކުގެ ވެރިން ހޭލުންތެރިކަން އިތުރު ކުރުމަށް ކަމަށާއި، ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފަޅުވެރިންނާ ސީދާ މުއާމަލާތް ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ހާބަރު ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އުޅަނދުތަކުގެ ވެރީންނާއި އޮޕަރޭޓަރުންނަށް އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ ޕޯޓަލް ބޭނުންކުރަން ފެށުމުން ފަޅުތެރޭގެ ހިދުމަތްތައް ހޯދުމުގެ ކުރިން ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.