މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 16,991 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން ބުނީ އެ މުއްދަތުގައި ރާއްޖެއިން އެންމެ ގިނައިން ބޭރު ކޮށްފައި ވަނީ، ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތައް ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 16,991 މެޓްރިކް ޓަނުގެ މަސް ބޭރު ކޮށްފައިވާއިރު މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރި 44,791 މެޓްރިކް ޓަނުގެ މަހާއި އަޅާބަލާއިރު، 62 އިންސައްތަ ދަށް އަދަދެއް ކަމަށްވެސް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމްއެމްއޭއިން ކޮންމެ މަހަކު ނެރޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ 6 މަހު ދަޅުގައި ބަންދުކޮށްގެން ބޭރުކުރި މަހުގެ އަދަދުވެސް ވަނީ 11 އިންސައްތަ ދަށްވެފައެވެ.

މި އަހަރުގެ ފުރަތަމަ 6 މަހު ދަޅުގައި ބަންދު ކޮށްގެން ބޭރު ކޮށްފައި ވަނީ، 2,702 މެޓްރިކް ޓަނުގެ މަހެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަޅުގައި ބަންދުކޮށްގެން ބޭރުކުރީ، 3,056 މެޓްރިކް ޓަނު ކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު ދަށްވެފައިވަނީ، އެ މުއްދަތުގެ ތެރޭގައި މަސްވެރިކަން ދަށްވުމުގެ ސަބަބުންނެވެ. އެެހެންނަމަވެސް މި މުއްދަތުގެ ތެރޭގައި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގު މަތިކޮށްފައިވާއިރު،

އަހަރުގެ ކުރީކޮޅު ކަޅުބިލަމަހުގެ ކިލޯއެއް 16 ރުފިޔާއަށް ގަތް ނަމަވެސް މިހާރު މަސް ގަންނަމުންދަނީ 20 ރުފިޔާއަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަކަށް މަސްވެރިކަން ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.