މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން 16,991 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް ރާއްޖެއިން 16,991 މެޓްރިކް ޓަނުގެ މަސް ބޭރު ކޮށްފައިވެއެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު، 62 އިންސައްތަ ދަށް އަދަދެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މިމުއްދަތުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ބޭރު ކޮށްފައިވަނީ، ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ. އެގޮތުން ފުރަތަމަ ހަ މަހު 13,083 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރު ކޮށްފައެެވެ. މިދިޔަ އަަހަރުގެ މިމުއްދަތުގެ ތެރޭގައި ބޭރުކުރީ، 40,659 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ 67 އިންސައްތައިގެ ދަށްވުމެކެވެ.
މިމުއްދަތުގެ ތެރޭގައި އެންމެ ގިނައިން ބޭރު ކޮށްފައިވަނީ، ފިނިކުރި އަދި ތާޒާ ކަޅުބިލަ މަހެވެ. އެގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 10,603 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ބޭރު ކޮށްފައިވާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ވަނީ 36,112 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ބޭރުކޮށްފައެވެ. އެހެންކަމުން މިއީ 2025 ވަނަ އަހަރާއި އަޅާބަލާއިރު 70 އިންސައްތަ ދަށް އަދަދެކެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހު ދަޅުގައި ބަންދު ކޮށްގެން ބޭރު ކޮށްފައިވަނީ، 2,702 މެޓްރިކް ޓަނުގެ މަހެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި މި އަދަދު އުޅުނީ، 3,056 މެޓްރިކް ޓަނުގައި ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 11 އިންސައްތައިގެ ދައްވުމެކެވެ.
މަސްވެރިކަން ދަށްވުމުގެ ސަބަބުން، ފުރަތަމަ ހަ މަހު ރާއްޖެއިން ބޭރުކުރި މަހުގެ އަދަދު ދަށްވެފައި ވީނަމަވެސް، މިމުއްދަތުގެ ތެރޭގައި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން ވަނީ މަސް ގަންނަ އަގު މަތިކޮށްފައެވެ.