ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ޝަރަފުވެރިކޮށްދެއްވައިފި އެވެ.
ފައިނަލްގައި ބަނޑޮސް އައިލެންޑް ރިޒޯޓް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުންނެވެ.
ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ނައިބު ރައީސް ވަނީ، ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ޓްރޮފީ ތައާފުކޮށްދެއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ، މެޗުގައި ބައްދަލުކުރި ދެ ޓީމުގެ ކުޅުންތެރިންނާއި މެޗުގެ އޮފިޝަލުންނާ ސަލާމްކުރައްވާފަ އެވެ.
ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގެ ޓީމުން މުބާރާތުގެ ތަށި ދިފާޢުކޮށްފައިވަނީ، ފޯރިގަދަ ކުޅުމަކަށް ފަހު، ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފަ އެވެ.