މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 26 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ގޭންގު ކްރައިމް ސަޕްރެޝަންގެ ފުލުހުން މާލެތެރެ ޕެޓްރޯލްކުރަމުންދިޔައިރު، އޭނާއާމެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު އަބްދުލްމަޖީދު އެވެ.

ފުލުހުން ބުނީ އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން، ޖުލައި 30 ވަނަ ދުވަހުގެރޭ މާލޭ މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.