ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކާމިޔާބުކޮށްފި އެވެ.

މިއީ މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާލި ހަތްވަނަ ފަހަރެވެ. އެންމެ ގިނަ ފަހަރު ޝީލްޑް ހޯދުމުގެ ރެކޯޑު ވެސް އޮތް މާޒިޔާއިން މީގެކުރިން ޝީލްޑް ހޯދާފައިވަނީ 2015، 2016، 2017، އަދި 2021 ގެ އިތުރުން 2023 އާއި 2025 ވަނަ އަހަރު އެވެ.

ގަލޮޅު ދަނޑުގަައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއު ރޭޑިއަންޓުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. މި ދެ ލަނޑު ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް އާއި އަލީ ފާސިރު (ސެންޓޭ) އެވެ.

ފުރަތަމަ ހާފު ނިމެންވެފައި ވަނިކޮށް، މާޒިޔާގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން ލަނޑެއް ޖެހި ނަމަވެސް، އެ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނިއުގެ ޑޮރިއެލްޓަން ވަނީ ލަނޑެއް ޖަހައި އަލުން އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.

ދެވަނަ ހާފުގައި މާޒިޔާއިން ފަހަތުން އަރައި އެއްވަރުކުރީ، މި ސީޒަނަށް އަލުން އެ ޓީމަށް ބަދަލުވި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި އިލާން ޖެހި ދެ ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި މާޒިޔާއިން ނިއުގެ މައްޗަށް ކުރިހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.