ނ. މަނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި "ސަރަނގު ޖަރީ" ގުޅިގެން، އެ ރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފަހާފޮށިން މާޖެހުމުގެ ޚާއްޞަ ކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މަނަދޫގައި ފަހާފޮށިން މާޖެހުމުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
މަނަދޫގައި ފަހާފޮށިން މާޖެހުމުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

މިދިޔަ ޖުލައި މަހުގެ 18 އިން 31 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ރަށުގެ އަންހެނުން ބާރުވެރިކުރުވުމާއި، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގި ކާމިޔާބު ހަރަކާތެކެވެ. މި ކޯހުގައި ތަފާތު އެކި އުމުރުފުރާތަކުގެ 10 އަންހެނުން ބައިވެރިވެ، ފަހާފޮށިން މާޖެހުމުގެ ފަންނީ ހުނަރުތައް ވަނީ ފުރިހަމައަށް ދަސްކޮށްފައެވެ.

މަނަދޫގައި ފަހާފޮށިން މާޖެހުމުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި
މަނަދޫގައި ފަހާފޮށިން މާޖެހުމުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި

މަނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފޭރާން ވަރުގަދަކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި އެ ކޮމިޓީން ފާހަގަކުރެއެވެ. ރަށެއްގެ ތަރައްޤީގައި އަންހެނުންގެ ދައުރަކީ ނުހަނު ބޮޑު ދައުރަކަށް ވީހިނދު، އެފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ފަދަ މަސައްކަތްތައް ދަސްކޮށްދިނުމަކީ މުޅި މުޖުތަމަޢަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ.

މި ކޯހުގެ އެންމެ ޚާއްޞަ އަދި އެންމެ މުހިންމު އެއް ސިފައަކީ، މާޖެހުމުގެ މަސައްކަތް ދަސްކޮށްދިނުމުގައި ބޭނުންކުރި އުކުޅުތަކެވެ. އާންމުކޮށް މާޖެހުމަކީ ވަރަށް އަގުބޮޑު، ޒަމާނީ ކޮމްޕިއުޓަރައިޒްޑް މެޝިންތަކެއް ބޭނުންކޮށްގެން ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް، "ސަރަނގު ޖަރީ" އިން މި ކޯހުގައި ދަސްކޮށްދިނީ ކޮންމެ ގެއެއްގައިވެސް ހުންނަ އާދައިގެ ފަހާފޮށިން ނުހަނު ފުރިހަމައަށް މާޖަހާނެ ގޮތެވެ. މިއީ މި މަސައްކަތް ފަށަން ބޭނުންވާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އެހެނީ، އައު މަސައްކަތެއް ފެށުމަށްޓަކައި ބޮޑު ހޭދައެއް ކުރަން ނުޖެހި، އަތުގައި ހުރި ވަސީލަތްތަކުން މަސައްކަތް ފެށޭނެ މަގު މިވަނީ ތަނަވަސްވެފައެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަނަދޫ ކައުންސިލްގެ ރައީސް ވަނީ، މިފަދަ ކޯސްތަކުން ދަސްވި ހުނަރުގެ ބޭނުން ހިފާ، އަމަލީ މައިދާނަށް ނުކުމެ، އަމިއްލަ މަސައްކަތުން ކުރިއަރައި ދިއުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ކޯސް ނިންމާލުމަށްފަހު ބައިވެރިން ތައްޔާރުކުރި "ފައިނަލް ޕްރޮޖެކްޓް" ތަކުން، އެފަރާތްތަކުގެ ފަންނީ ހުނަރުވެރިކަން ހުރި މިންވަރު ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ ކަމަށް ކޮމިޓީން ބުނެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މުޅިން އަލަށް މި މަސައްކަތް ދަސްކުރި ބައިވެރިން، އެހާ ފުރިހަމަ އުފެއްދުންތަކެއް ދައްކާލުމަކީ ތަމްރީނުދިން ފަރާތުގެ ކާމިޔާބީއެކެވެ. މިކަމުން އެނގިގެންދަނީ، ރަނގަޅު އިރުޝާދާއި މަގުދެއްކުން ލިބިއްޖެނަމަ، އަގުބޮޑު ވަސީލަތްތަކަކާ ނުލައިވެސް ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ ކަމެވެ.

މި ކޯހުގައި ތަމްރީނު ދީފައިވާ "ސަރަނގު ޖަރީ" އަކީ ރާއްޖޭގައި ފެހުމާއި، މާޖެހުމުގެ އިތުރުން އަތްތެރި މަސައްކަތުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގައި ފާހަގަކޮށްލެވޭ މަޤްބޫލު ފަރާތެކެވެ.

ސަރަނގު ޖަރީގެ އެންމެ ބޮޑު އެއް މަޤްޞަދަކީ އަންހެނުންނަކީ ހުނަރުވެރި، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބަޔަކަށް ހެދުމެވެ. މިއީ ސަރަނގު ޖަރީގެ ބާނީ، ދިވެހި އަންހެނުންގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، ޤައުމީ ފެންވަރުގެ ޝަރަފުވެރި އެވޯޑުތައް ހޯއްދަވާފައިވާ މަރުޙޫމާ ޝަމީމާ އީސާ ގެންގުޅުއްވި މަތިވެރި ތަޞައްވުރެކެވެ. އެކަމަނާއަކީ ރާއްޖޭގައި އަތްތެރި މަސައްކަތާއި ފެހުމުގެ ދާއިރާ ކުރިއެރުވުމަށް އުމުރުގެ ބޮޑު ބައެއް ހޭދަކުރެއްވި، ނަމޫނާ ޝަޚްޞިއްޔަތެކެވެ.