ވިލުންވެށި ގްރާންޓަށް ކުރިމަތިލުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލްއިން މިއަދު ހުޅުވާލައިފިއެވެ.

މި ގްރާންޓަކީ، އަމިއްލަ ފަރުދުންނާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކޮށްފައިވާ މާލީ އެހީތެރިކަމުގެ ޕްރޮގްރާމެކެވެ. މި މަޝްރޫއުގެ ދަށުން، 100,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ތިމާވެއްޓާ ރައްޓެހި އީޖާދީ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ މަޤުސަދުގައި ދޫކުރާ މި ގްރާންޓަކީ ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރި ކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫޢެކެވެ.

ވިލުންވެށި ގްރާންޓްގެ ދަށުން އެހީއަށް އެދި ހުށަހަޅާ މަޝްރޫއުތަކަކީ، ތިމާވެށި ހިމާޔަތްކުރުމަށް ބާރުއަޅާ އަދި ދިގު މުއްދަތަކަށް މުޖުތަމައަށް އޭގެ މަންފާ ކުރާނެ މަސައްކަތްތަކަކަށް ވާންޖެހެއެވެ. މި ގްރާންޓަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ، އެސްއެމްއީ ޑިޖިޓަލްއާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާ ގުޅިގެންނެވެ.