މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިއަދުން ފެށިގެން ކުންފުނީގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ނިންމައި، ވިޔަފާރިކުރާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިފްކޯ އިން ބުނީ، މި ބަދަލާއެކު ހުކުރު ދުވަސްތަކުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށާއި، ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ހުޅުވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ހިދުމަތް ދެމުން ދާނެ ކަމަށް ވެސް މިފްކޯ އިން ވަނީ ބުނެފައެވެ.

މިފްކޯ އިން ބުނީ، މި ނިންމުން ނިންމާފައިވަނީ ހުކުރު ދުވަހަކީ އާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ހާއްސަ ކެއުންތަކަށް ދިވެހިން ބޮޑު އިސްކަމެއްދޭ ދުވަހަކަށް ވެފައި، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހަކަށް ހާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ރޭވިފައިވާ ކަމަށް ވެސް މިފްކޯ އިން ވަނީ ބުނެފައެވެ.

މިފްކޯ އިން ބުނީ، މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާގައި އުޅޭ މީހުންނަށް، ހަފުތާ ބަންދުގައި ގެއަށް ބޭނުންވާ މަހާއި މިފްކޯގެ އެހެނިހެން އުފެއްދުންތައް ގަތުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހާއްސަކޮށް ހުކުރު ދުވަހަކީ ގިނަ ބަޔަކު މަސް ގަންނަން ބޭނުންވާ ދުވަހަކަށް ވާތީ، މިއީ ކަސްޓަމަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިފްކޯއިން މި ބަދަލު ގެނެސްފައިވަނީ މާލެ ސަރަހައްދަށް ބޭނުންވާ މަހުގެ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، ދާދި ފަހުން އެރަށުގައި ހިކިމަސް ފެކްޓަރީއަކާއި އައިސް ޕްލާންޓެއް ހުޅުވައި ހިދުމަތް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މި މަޝްރޫއުތަކާއެކު މިފްކޯގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމުގެ ގާބިލުކަން މިހާރު އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.