ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން، ރޭގެ ވަގުތެއްގައި އައްޑޫ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލުމާއި، ބަނބުކެޔޮ ގަހެއް ވެއްޓި ބަދިގެއެއްގެ ފުރާޅަށް ގެއްލުންވުމާ ގުޅިގެން، ޖުމްލަ ދެ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭ އިން ބުނީ، މި ހާދިސާތަކާ ގުޅިގެން އެ އޮތޯރިޓީން އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އެގޮތުން، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކައުންސިލް މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަނެ، އެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އިއްޔެ ދ. ރިނބިދޫއަށާއި ލ. އިސްދޫއަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް އުދައެރުމާ ގުޅިގެން، ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައި ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އަދި ލ. އިސްދޫގެ ބަނދަރު ސަރަހައްދަށް ވެސް އުދައިގެ އަސަރު ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.