އިދިކޮޅު ފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ގްރޭޓަ މާލެ ޓަރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްގެ ނަމުގައި އޮފީހެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް، ދައުލަތުގެ މީޑިއައިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގައި ރައްދު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، އެ އޮފީހަކީ ހުރިހާ ތަނެއް ބައިޕާސް ކުރުމަށް އުފައްދާ އޮފީހެއް ނޫން ކަމަށާއި، އެއީ އެކަމާ ގުޅުން ހުރި ފަރާތްތަކުން ބައިވެރިކުރުވައިގެން ހިންގުމަށް އުފައްދަވާ އޮފީހެއް ކަމަށެވެ.

" މިތަނުގެ މުއައްޒަފުންނަކީ މުޅިންއާ މުއްޒަފުންނެއް ވެސް ނޫން. މިހާރު އެކި އެކި އޮފީސްތަކުގަ ތިބި ރިލޭޓެޑް މަސަކަތް ކުރާ މުވައްޒަފުން މިތަނުގަ ގިނަ ވާނީ އިނގޭތޯ. މަދު ބަޔަކު އިތުރަށް ނަގަން ޖެހިދާނެ އެހެން ނަމަވެސް ބޮޑު އަދަދަކީ ހަމަ މީގެ ގާތް ގަނޑަކަށް ސުޕާ މެޖޯރިޓީއަކީ މިހަރު ވެސް ވަޒީފާގަ ތިބި މީހުން "

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ، އަލައް އުފައްދަވާ އެ އޮފީހަށް ގާނޫނީ ބާރުވެރިކަމެއް ދެއްވާނެ ކަމަށާއި، އެ މަސަކަތްތައް މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. އެގޮތުން ޓްރެފިކާ ގުޅޭ ގޮތުން ތަންފީޒީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމަކަށް ފުރިހަމަ ބާރު އެ އޮފީހަށް އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ވަނީ ޕާކިން ޒޯންތަށް ހެދުމުގެ ކަންތައް ތަކުގެ އިތުރުން ޕާކު ކުރުމުގެ މައްސަލަތަކަށް އެ އޮފީހުގެ ދަށުން ހައްލު ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ އޮފީސް އުފެއްދުމުގެ ބޭނުމަކީ އިތުރު އާ ވަޒީފާތަކެއް އުފައްދައި ހަރަދު ދެގުނަ ކުރުން ނޫން ކަމަށެވެ.