އިގްތިސާދީ އަދި ޢުމްރާނީ ގޮތުން ކިތަންމެ ބޮޑު ތަރައްޤީއެއް ހޯދިކަމުގައި ވީ ނަމަވެސް، އެ އަސްލަށް ރުޖޫއަވެގެން ކުރިއަށްދިއުމުގެ ވިސްނުން ނުގެންގުޅޭނަމަ، ހަގީގީ މިނިވަންކަމެއް ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއައިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ، ދިވެހީންގެ އަސްލަށް ރުޖޫޢަވުމުގެ ވިސްނުމާ ނުލާ ކިތަންމެ ގިނަ އިމާރާތްތަކެއްކޮށް، މާއްދީ ކިތަންމެ ކުރިއެރުމެއް ހޯދިކަމުގައި ވީ ނަމަވެސް، އެލިބިގެންދަނީ ހަގީގީ މިނިވަންކަމެއް ނޫންކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

" ހަގީގަތުގަ އަޅުގަނޑަށް ހީވަނީ ސިޔާސީ އޮއިވަރު ރާއްޖޭގަ ފެށުނު ހިސާބުން ވަރަށް ބޮޑުތަނުން މި މައްސަލަ ގޯސްވާން ފެށީ، ބާރު ސްޕިޑުގަ ގޯސް ވާން ފެށީ، އޭގެ ކުރިން ވެސް ގޯސްވާން ފަށާފައޮތީ އެހެން ނަމަވެސް ބޮޑަށް ގޯސްވާން ފެށީ އެހިސާބުން އެއީ ސިޔާސީ ބޭނުމެއްގަ އަޅުގަނޑުމެން ތެރޭގަ ހަމަ އިހުތިރާމް އަދާކުރުމުގެ ރޫހު ހަމަ ނައްތާލެވުނީ. އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ރައީސުލްޖުމުހޫރިއްޔާއާއި ސަރުކާރުގެ ވެރިންނަށް މިހެން ގޮސް އެތައް ފަރާތްތަކަކާ ދެކޮޅަށް ހަމަ އެ ފަރާތްތަކުގެ ކެރެކްޓާ ސްޓޭންޑް ކުރުމަށް އިހުތިރާމް އަދާ ކުރުމަކީ އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫން ކަމަށް ޒުވާނުންގެ ސިކުނޑިތަކަށް ވިސްނައި ދިނީ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، އަމިއްލަ އަތުން ހެދޭ ގޯސްތަކަކީ ރަނގަޅު ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އަދުގެ ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވަނީ އެ މަސައްކަތްކަމަށެވެ.

އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕޭނެއް ހިންގެވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސް ވަނީ، މިއީ ހަމައެކަނި ކެމްޕޭނެއް ނޫން ކަމަށާއި، މިއީ ހުރިހާ އެންމެންގެ ބައިވެރިވުމާއެކު ގައުމީ ފެންވަރުގައި ކުރެވޭ ބޮޑު މަސައްކަތެއް ކަމުގައި ފާހަގަކުރައްވާފައެވެ.