މިއަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގު މޯބައިލް ހިދުމަތްތަކުން 394 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ ކުއާޓަރލީ ރިޕޯޓުން ދައްކައިފިއެވެ.
ދިރާގުން އާމްދަނީ ހޯދަނީ، މައިގަނޑު 2 ދާއިރާއަކުންނެވެ. އެއީ، މޯބައިލް ހިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ.
ދިރާގުން އާއްމުކޮށްފައިވާ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިމުއްދަތުގެ ތެރޭގައި މޯބައިލް ހިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް 394 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.
އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ހިދުމަތްތައް ފޯރުކޮށްދީގެން އެކުންފުންޏަށް ލިބިފައިވަނީ، 404 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ %2.47 ދަށްވުމެކެވެ.
މިއާއެކު ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނު 730 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %0.46 އިތުރު އަދަދެކެވެ.
މޯބައިލް ހިދުމަތްތަކުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް ފިކްސް ބްރޯޑްބޭންޑު ހިދުމަތުން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ. ދިރާގުގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސްޑު ބްރޯޑްބޭންޑު ހިދުމަތްތަކުން 315 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
މިއީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބުނު 302 މިލިޔަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާއިރު %4.3 އިތުރުވުމެކެވެ.
އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދިރާގަށް ވަނީ، 249 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީ، އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 256 މިލިޔަން ރުފިޔާއާއި އަޅާބަލާއިރު ދަށް އަދަދެކެވެ.