އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.
މިއީ މި މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، ޝަރީފް މަޤާމާ ހަވާލުވެވަޑައިގަންނަވާނީ މިއަދު އެވެ.
މީގެ ކުރިންވެސް ޝަރީފް ވަނީ އޭބީއޭގެ ލީޑަރޝިޕްގައި ހިދުމަތްކުރައްވާފައެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޝަރީފް ވަނީ މަސައްކަތްކުރައްވާފައެވެ. އަދި ޝަރީފްގެ ލީޑަރޝިޕަށް އޮތް އިތުބާރުގެ ޔަގީންކަމާއެކު، 2025 ވަނަ އަހަރު އަލުން އެ މަގާމަށް ވަނީ އައްޔަންކުރައްވާފައެވެ.
1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިންގ އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ. މި މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިންގ ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުން އަދި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއެކު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި އެ ވަގުތަކަށް ދާއިރާއަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާކުރުމެވެ.
ބީއެމްއެލް އިން ބުނީ އޭބީއޭ އިން ޝަރީފް މި މަޤާމަށް އައްޔަންކުރެއްވުމަކީ ބޭންކަށާއި ރާއްޖެއަށްވެސް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރަޙައްދީ ބޭންކިންގ ލީޑަރޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެ ކަމުގައި ވެސް ބީއެމްއެލް އިން ފާހަގަކުރެއެވެ.