މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، މޫސުން ގޯސް ވަގުތުތަކުގައި ކަނޑު ދަތުރުފަތުރު ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް 2026 ޖުލައި 31 ވަނަ ދުވަހުގެ 11:30 އިން 15:30 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ވަގުތުގައި އާންމުކޮށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. މީގެ އިތުރުން، އުޅަނދުގައި ހުންނަންޖެހޭ ސަލާމަތީ ވަސީލަތްތައް ހަމަކަން ޔަގީން ކުރުމަށާއި، އުޅަނދަށް މީހުންނާއި މުދާ އެރުވުމުގައި ހުއްދަދެވިފައިވާ މިންގަނޑަށްވުރެ އިތުރަށް ނޭރުވުމަށާއި، މުވާސަލާތީ ވަސީލަތްތައް ފުރިހަމައަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.