މާލެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމުގެ ސަބަބުން ކުއްލި ހާލަތެއްގައި އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޯލް ސެންޓަރު، 1516 އަށް ގުޅުމަށް އެ ކޯޕަރޭޝަނުން އެދެފިއެވެ.
އެޗްޑީސީން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވަނީ، މޫސުން ގޯސްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށާއި، އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމުގައި ދެމިތިބުމަށް އިލްތިމާސްކޮށްފައެވެ.
އެޗްޑީސީން ދަނީ، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކަށް ވެއްޓޭ ގަސް ނަގާ ސާފުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުންނެވެ. އަދި ކޮންސްޓްރަކްޝަން ސައިޓްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި އާންމުން މަގުމައްޗަށް ނިކުމެ އުޅޭއިރު ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، އާންމު ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު 15:30 އިން މިރޭ 19:30 އާ ހަމައަށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އަދި މާދަމާވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.