މިދިޔަ ހަފުތާގައި ސްކޭމްގެ 33 މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފްތާގައި ޖުމްލަ 33 ސްކޭމް މައްސަލަ ވަނީ ފުލުހަށް ރިޕޯޓުކޮށްފައެވެ. އަދި މި މައްސަލަތަކުގައި 184,235.00 ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، އަވަސް ފިޔަވަޅުތަކާއެކު 72,073.00 ރުފިޔާ ވަނީ ކާމިޔާބުކަމާއެކު އަނބުރާ ހޯދައިދީފައެވެ.

ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައި ވަނީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓްޕްލޭސްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް) ސްކޭމްތަކުގެ މައްސަލަތައް ކަމަށާއި، އެގޮތުން އީކޮމާސް ސްކޭމްގެ 16 މައްސަލައިގެ އިތުރުން ބުކިންގ ކެންސަލް/ރިފަންޑް ސްކޭމްގެ 7 މައްސަލައެއްވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ފައިސާ މާރުކުރުމުގެ ސްކޭމްގެ 4 މައްސަލައާއި، އެހެންމީހަކަށް ވެގެން އޮޅުވާލައިގެން ސްކޭމް ހިންގަން އުޅުމުގެ އެއް މައްސަލައާއި އެހެނިހެން ސްކޭމްތަކުގެ 5 މައްސަލަވެސް ހިމެނޭ ކަމަށް ފުލުހުން ހާމަކުރެއެވެ.

ހޮޓާ/އެޕާޓްމަންޓް ބުކިންގ ހެދުމަށްފަހު، ސައްހަނޫން ސްލިޕް ހިއްސާކޮށް، ކުއްލި ކަމެއް ދިމާވެގެން ބުކިންގ ކެންސަލްކުރަން ބުނެ އަވަހަށް ފައިސާ އަނބުރާ ހޯދުމަށް އެދޭ ކަމުގައ ފާހަގަކޮށް ފުލުހުން ވަނީ، އެކައުންޓަށް ފައިސާ ޖަމާވެފައިވޭތޯ ކަށަވަރު ކުރުމަށް އެދިފައެވެ. މިގޮތުން ފައިސާ ފޮނުވިކަމުގެ ސްލިޕަށް އެކަނި އިތުބާރު ނުކުރުމަށާއި ރިފަންޑް ދިނުމުގެ ކުރިން އެކައުންޓަށް ފައިސާ ވަދެފައިވާކަން ބޭންކިންގ އެޕް މެދުވެރިކޮށް ޔަގީންކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ވަނީ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށް، ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ނުފިތުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އެދިފައެވެ. މީގެ އިތުރުން ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް 125 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.