ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށްގޮސް އޭގެން ދަތުރުކުރި ދެ މީހުން ގެއްލިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ދެންމެ ކ. ގާފަރު ހުޅަނގު ފަރާތު ބޭރަށް އެލްސީވީއެއް ބަންޑުންޖަހާލުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގިއިރު އެ އުޅަނދުގައި 10 ފަޅުވެރިން ދަތުރުކުރަމުންދިޔަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެ ތެރެއިން 8 ފަޅުވެރިއަކު ސަލާމަތްކޮށްފައިވާ އިރު، ގެއްލިގެން ހޯދަމުންދަނީ ބިދޭސީ ދެ ފަޅުވެރިން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިގެން ހޯދަމުން އަންނައިރު، މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އާއްމުގޮތެއްގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.