މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާކޮށްފިއެވެ.
މީރުމާ ހޮޓެލްގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތާއި، މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ، ކެޕްޓަން ހުސައިން ޝަފީޤު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގައި އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެމްޕީއެލް އިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ މަޢުލޫމާތުތައް ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް، މި މަސައްކަތުގައި އެ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. ތިލަފުށި ބަނދަރު "ސްޓޭޓް އޮފް ދި އާޓް" ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރަައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން، މި ވަގުތު ބަނދަރުގައި ދިމާވެފައިވާ ދަތިތައް ހައްލުވެ، އިޤްތިޞާދީ ގޮތުން އިތުރު ކުރިއެރުންތަކަށް މަގު ފަހިވެގެންދާނެއެވެ.