ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން އެންމެ ފަހުން ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ 11:30 އިން 15:30 އަށެވެ.

މެޓް އިން ވަނީ، ސަމާލުގެ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ. އެ އިދާރާއިން ބުނި ގޮތުގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި 5 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި 4 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅު އެރުމުގެ ފުރުސަތު އޮތުމާއެކު، އުދައަރާފާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.