ވެމްކޯގެ އޮޕަރޭޝަން އާންމު ހާލަތަށް ގެނެސް މާދަމާއިން ފެށިގެން، ކުރިއެކޭ ވެސް އެއްގޮތަށް ކުނި ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯގެ ކުނިއުކާލުމުގެ އޮޕަރޭޝަނަށް ބުރޫއެރީ ތިލަފުށީގައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 21:30 އެހައިކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ކުނިތަކެއް އެނދުމާ ގުޅިގެންނެވެ.
އެގޮތުން މިކަމާގުޅިގެން ވެމްކޯ އިން ރޭ ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ ހިދުމަތްތައް ކުރިއެކޭ ވެސް އެގޮތަށް މެދުނުކެނޑި މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި އެ ކުންފުނީގެ ކުނި ނެގުމުގެ ހިދުމަތް "ކެޕްސް" ނުވަތަ ބޮޑެތި ކުނި އުކާލަދިނުމުގެ ހިދުމަތް ކުރިއެކޭ އެގޮތަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ވެމްކޯ އިން ބުނީ ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ހުންނަން ވާނީ ކުނި އުފުލުމުގެ މިންގަނޑުތަކާއި އުސޫލާ އެއްގޮތުގެ މަތިންނެވެ.
އަދި ގާކުނި (ސީއެންޑީ) ހުންނަން ވާނީ ދެބަޔަަށް ވަކިކޮށްފައި ކަމަށްވެސް ވެމްކޯއިން އަންގާފައި ވެއެވެ.
ތިލަފުށީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ކުނިތަކެއް އެނދުމާ ގުޅިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކޮށް، ބޮޑެތި ކުނި ބަލައިގަތުން ވެމްކޯ އިން މެދުކަނޑާލި އެވެ.