ކުނި މެނޭޖްކުރަން ވެމްކޯއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުންޏަށް ހުޅުމާލޭން ބިމެއް ދީފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު އެވެ.
މުޖުތަބާގެ ޕޯސްޓުގައި ވިދާޅުވީ ހުޅުމާލޭގައި ކުނި މެނޭޖްކުރަން ވެމްކޯއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭން އެޗްޑީސީން އެ ކުންފުންޏަށް ވަގުތީ ގޮތުން ބިމެއް ދީފައިވާ ކަމަށެވެ.
އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ އިސްނަންގަވައިގެން ހަވާލުކުރި އެ ބިން ލިބުމަކީ ވެމްކޯއަށް ލިބުނު ވަރަށް ރަނގަޅު ހައްލެއް ކަމަށް މުޖުތަބާގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ތިލަފުށީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ކުނިތަކެއް އެނދުމާ ގުޅިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ވެމްކޯއަށް ޖެހުނެވެ.
ނަމަވެސް ވެމްކޯ އިން އިއްޔެ ބުނީ މި ފެށޭ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް މާލެ ސަރަހައްދުގައި ކުނިނެގުމާއި ކުނި އުކުމުގެ ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.