ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އިދިކޮޅު އެމްޑީޕީން އެންމެ ގިނަ ސުވާލުކޮށްފައި ވަނީ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްއާއި ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.
ކުޑޫ މިފަދައިން ވިދާޅުވީ، އެމްޑީޕީން އެންމެ ގިނައިން ސުވާލުތައް އަމާޒުކުރި 8 ވަަޒީރުންގެ ތަފްސީލުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުންނެވެ.
ކުޑޫ ވިދާޅުވީ، ޖުމްލަ 258 ސުވާލު ވަޒީރުންނަށް ފޮނުއްވި ކަމަށާއި، އޭގެ ތެރެއިން 180 ސުވާލު އަމާޒުކޮށްފައި ވަނީ އެ 8 ވަޒީރުންނަށް ކަމަށެވެ.
އެގޮތުން އެންމެ ގިނައިން ސުވާލުތައް އަމާޒުކުރެއްވި ވަޒީރު މުއްތަލިބަށް 56 ސުވާލުގެ ނޯޓިސް ފޮނުވާފައިވާފަިވާ ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ. އެހެން ކަމުން މީގެ ތެރެއިން 16 ސުވާލަކަށް ވަޒީރު ޖަވާބު ދެއްވާފައިވެއެވެ. އަދި 11 ސުވާލަކަށް ޖަވާބުދިނުމަށް ދިން މުއްދަތު ހަމަވެފައި ނުވަތަ އަނބުރާ ނަގާފައި ވާއިރު، 29 ސުވާލަކަށް ޖަވާބު ދެއްވުމުގެ މުއްދަތު އަދިވެސް އެބަ އޮތް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަށް 26 ސުވާލުކުރި އިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް 22 ސުވާލު ވަނީ ކޮށްފައެވެ. އޭގެ ތެރެއިން 9 ސުވާލަކަށް ވަނީ ޖަވާބުދެއްވާފައެވެ. ދެ ސުވާލަކަށް ޖަވާބުދިނުމުގެ މުއްދަތު ހަމަވެފައިވާއިރު 11 ސުވާލަކަށް ޖަވާބު ދިނުމުގެ ފުރުސަތު އަދި ހަމަނުވޭ.
ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއުއާއި 20 ސުވާލުކޮށްފައިވާއިރު ޖަވާބު ދެއްވީ 3 ސުވާލަށް ކަމަށް ވާއިރު ހަތަރު ސުވާލަކަށް ޖަވާބު ދެއްވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ. އޭގެ ތެރެއިން 13 ސުވާލަކަށް ޖަވާބު ދެއްވުމަށް އަދިވެސް މުއްދަތު އެބަ އޮތް ކަމަށް ކުޑޫ ވަނީ ބުނެފައެވެ. އަދި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއަށް 19 ސުވާލެއްކޮށްފައިވާއިރު އެ ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދެއްވުމަށް މުއްދަތު އެބަ އޮތް ކަމަށާއި އެކަމަކު މިހާތަނަށް އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވާ ކަމަށް ވެސް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.