ގާނޫނީ ދަރިވަރުން ހާޒިރުވެ އިމްތިހާނު ހަދަންޖެހޭ އުސޫލު އަންއަހަރަށް ފަސްކޮށްފައިވާ ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އުސޫލަށް އަމަލުކުރަން އަންނަ މަހު ފަށައިފިނަމަ ގާނޫނީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް އިދާރީ ގޮތުންނާއި ފަންނީ ގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ.

އެ ކައުންސިލުން ބުނީ ކުރިން އެކްރެޑިޓު ކޮށްފައިވާ ޕްރޮގްރާމުތަކަށް ބަދަލުތަކެއް ގެނެސް އެ ބަދަލުތަކާ އެއްގޮތަށް އެކްރެޑިޓޭޝަނަށް ހުށަހެޅުމަށާއި އެ ބަދަލުތަކާއެކު އެކްރެޑިޓްކުރުމަށް މުއްދަތެއް ދިނުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން އެ ކައުންސިލަށް ހުށަހެޅި ކަމަށާއި، އެހެން ކަމުން އެ ހުށަހެޅުމަށް ރިއާޔަތްކޮށް، ބާ ކައުންސިލުން އެކަށައަޅައިފައިވާ އުސޫލާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށް ނިންމައިފައިވާ ކަމަށެވެ.

ގާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމަށްޓަކައި ބާ ކައުންސިލުން އެންމެ ދަށްވެގެން ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލަށް ބައެއް ބަދަލުތައް ގެނެސް އާންމުކުރީ މިދިޔަ ހޯމަ ދުވަހެވެ. އޭގެ ތެރޭގައި އިމްތިހާނުތައް ފިޒިކަލްކޮށް ބޭއްވުމުގެ އިތުރުން، އެ ކޯސްތަކުގައި އިނގިރޭސި ބަހުން ކިޔަވައިދޭންޖެހޭ މިންގަނޑުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.