ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނުނިމޭތީކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްގީކުރިބައިގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން އެމްޓީސީސީއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ކުންފުންޏާއި ސަރުކާރުން ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ ބޮޑުތަކުރުފާނުމަގު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވާއިރު، އެ މަގުގައި ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް ހުރިކަން މިމަހުގެ 24 ވަނަ ދުވަހު ނެރުނު ބަޔާނުގައިވެސް ފާހަގަކޮށްފައިވާނެކަމަށެވެ.

އެގޮތުނ،ް މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް އަދި އޮތީ ފުރިހަމަ ނުކުރެވި ކަމަށާއި، ނަމަވެސ،ް ބޮޑުތަކުރުފާނު މަގުގައިބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަން ބަހައްޓައި، ޓެސްޓުކޮށް އަދި ކޮމިޝަންކުރުމަށް އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހަމަ ޖައްސާފައިވާ ކަމަށެވެ.

މި މުއްދަތުގައިވެސް މާލެއަށް ކުރާ މޫސުމީ ވިއްސާރާއާއި ގުޅިގެން ބޮޑުތަކުރުފާނުމަގުގައި ފެން ބޮޑުވާނަމަ، ފެން ހިންދުމުގެ މަސައްކަތް އެކުންފިން ކުރަމުން ގެންދާނެ ކަމަށް ވެސް އެމްޓިސީސީން ވަނީ ބުނެފައެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޒަމާނީ ފެންވަރަށް ފަހުން ތަރައްގީ ކުރި ސަރަހައްދު އާންމުކޮށް ހުޅުވައިލީ މި ހިނގާ ޖުލައި މަހުގެ 24 ވަނަ ދުވަހުގައެވެ.

އެ ކުންފުނިން ވަނީ، އެންމެ ޒަމާނީ ފެންވަރަށް އަދި ވަރަށް ޗާލުކޮށް ހަދާފައިވާ އެ މަގުގެ ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއެމްއޭއާ ހަމައަށް ހެދި ބައި އާންމުންނަށް ހުޅުވާލި ނަމަވެސް ކުދިކުދި ބައެއް މަސައްކަތްތައް އަދި ކުރަންޖެހޭ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި އެއްގަމު ތޮށީގެ ސިޑިތަކުގައި ރެއިލިން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.