މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގެ މަގުތަކާއި ބްރިޖް އަދި ހައިވޭގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރުގެ ޖަނަވަރީ 1 އިން ޖޫން 30 އަށް ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާލޭގެ އިތުރުން ބްރިޖާއި ހައިވޭގައި މި ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 1،355 އެކްސިޑެންޓް ރެކޯޑުކުރެވިފައިވެއެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.

މި މުއްދަތުގެ ތެރޭގައި ރެކޯޑުކުރެވިފައިވާ އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް، ނުވަތަ ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ހަމައެހެންމެ، އެކްސިޑެންޓްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ޖަނަވަރީ މަހު އެވެ. އެ މަހު 253 އެކްސިޑެންޓް ރެކޯޑުކުރެވުނުއިރު، އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހު އެވެ.

ފެބްރުއަރީ މަހު ހިނގާފައިވަނީ 191 އެކްސިޑެންޓެވެ. މާރިޗު މަހުން ފެށިގެން އަނެއްކާވެސް އަދަދުތައް އިތުރުވާން ފަށާފައިވާއިރު، މާރިޗު މަހު 236 އެކްސިޑެންޓް، އެޕްރީލް މަހު 232 އެކްސިޑެންޓް އަދި މޭ މަހު 238 އެކްސިޑެންޓް ވަނީ ހިނގާފައެވެ.

ނަމަވެސް ޖޫން މަހު މި އަދަދު ވަނީ 205 އަށް ތިރިވެފަ އެވެ.

މުޅި ހަ މަސްދުވަހުގެ މުއްދަތަށް ބަލާއިރު، ޖަނަވަރީ މަހުގެ އަދަދުތަކާ އަޅާބަލާއިރު ޖޫން މަހުގެ އަދަދުތަކުން 18.97% ގެ ދަށްވުމެއް ވަނީ ރެކޯޑުކުރެވިފައެވެ.

އެކްސިޑެންޓްތަކުގެ ނިސްބަތް ސަރަހައްދުތަކަށް ބަހާލާއިރު، ރެކޯޑުކުރެވިފައިވާ 1،128 އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައެވެ. އަދި ބްރިޖާއި ހަލިމަގު ސަރަހައްދުގައި ރެކޯޑުކުރެވިފައިވަނީ 227 އެކްސިޑެންޓެވެ.

ދުވާލުގެ ވަގުތު ތަކުގައި 901 ހިނގާފައިވާ އިރު ރޭގަނޑުގެ ވަގުތުތަކުގައި ރެކޯޑުކުރެވިފައިވަނީ 454 އެކްސިޑެންޓެވެ. އެހެންކަމުން ދުވާލުގެ ވަގުތުތަކުގައި ރެކޯޑުކުރެވުނު އަދަދު ރޭގަނޑަށްވުރެ 447 އެކްސިޑެންޓް އިތުރުވާއިރު، މިއީ ރޭގަނޑުގެ ވަގުތުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

މި މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގެ 1،322 މައްސަލައެއްގައި މީހުންނަށް ލިބުނީ ކުދި އަނިޔާތަކެވެ. އަދި 31 މައްސަލައެއްގައި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބުނުއިރު، މި މުއްދަތުގެ ތެރޭގައި އެކްސިޑެންޓް ތަކުގައި 2 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.