މިނިވަންކަމާއެކު ދިރިއުޅެ މަސައްކަތްކުރެވޭނެ ދިވެހިރާއްޖެއެއް ބިނާކުރެވިދާނެ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން ވިދާޅުވެެއްޖެ އެވެ.

އިހުސާން މިފަދައިން މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަހާ ގުޅުވައިގެން ފޮނުވި މެސެޖެއްގައެވެ.

މިނިސްޓާރ ވިދާޅުވީ، އެންމެން ގުޅިގެން، އެ މިނިސްޓަރީން ކުށްތައް ހުއްޓުވުން ހަރުދަނާކުރެވިދާނެ ކަމަށާއި، ގައުމިއްޔަތަކަށް ބެލުމެއްނެތި ކޮންމެ މީހަކަށްވެސް ސަލާމަތްތެރިކަމާއި، ކަރާމާތާއި އަދި އެކްސްޕްލޮއިޓޭޝަނުން ސަލާމަތްވެފައިވާ މިނިވަންކަމާއެކު ދިރިއުޅެ މަސައްކަތްކުރެވޭނެ ދިވެހިރާއްޖެއެއް ބިނާކުރެވިދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީން "މަކަރާއި ހީލަތުން ގައިދުކޮށްފައި" މި ޝިއާރުގެ ދަށުން މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަސް 2026 މިއަދި ވަނީ ފާހަގަކޮށްފައެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރުގެ ޝިއާރުން އަމާޒުކުރަނީ، ޓެކްނޯލޮޖީއާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، އޮންލައިން ސްކޭމް ކޮމްޕައުންޑްތަކަށް މީހުން ޓްރެފިކްކުރާ މިންވަރު އިތުރުވަމުންދާ ދިއުމަށާއި، މި ބަދަލުވަމުންދާ ކުށުގެ ވިއުގަތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށެވެ.

މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން ގައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް ކަންތައް ކަމުގައި މި މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން، ލޭބަރ މައިގްރޭޝަންގެ މުޅި ނިޒާމު ހަރުދަނާކުރުމަށްޓަކައި، އިމިގްރޭޝަނާއި، ލޭބަރ ގަވަރނަންސްއާއި، އިންސްޕެކްޝަންތަކުގެ އިތުރުން ގާނޫނު ތަންފީޒުކުރުން ވަނީ މި މިނިސްޓްރީގެ އޮނިގަނޑުގެ ދަށަށް ގެނެވިފައެވެ. މީގެ އިތުރުން، މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ދިގުމުއްދަތުގެ ގައުމީ އޮނިގަނޑު ކަމުގައިވާ "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028" ފާސްކޮށް، ކުށްކުރުން ހުއްޓުވުމާއި، ވިކްޓިމްސްއަށް ރައްކާތެރިކަން ދިނުމާއި، ތަހުގީގުކުރުމުގެ ދާއިރާތަކުން އިސްކަންދޭނެ ކަންކަން ވަނީ ކަނޑައަޅާފައެވެ.

އެ މިނިސްޓްރީން ބުނީ، މި މަސައްކަތުގެ ބިންގަލަކީ ކުށްކުރުން ހުއްޓުވުން ކަމުގައިވާތީ، ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކާއި، ރެކްރޫޓްމަންޓް އޭޖެންސީތަކަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މިހާރު ދަނީ ފުޅާކުރަމުން ކަމަށެވެ. ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އައުމާއެކު އެމީހުންގެ ހައްގުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނާއި ވެރިފިކޭޝަން ސިސްޓަމްތައް މެދުވެރިކޮށް މައިގްރޭޝަން މެނޭޖްމަންޓް ސިސްޓަމްތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ވަނީ، މީހުން ޓްރެފިކްކުރުމަކީ ހަމައެކަނި ސަރުކާރުގެ އިދާރާތަކުން ކުރާ މަސައްކަތަކުން ހުއްޓުވޭނެ ކަމަކަށް ނުވާތީ، މިކަމުގައި ވަޒީފާދޭ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، އަދި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފައެވެ. އެ ގޮތުން އެ މިނިސްޓްރީގެ އަމާޒަކީ އެކްސްޕްލޮއިޓޭޝަން ފެށުމުގެ ކުރިން އެކަން ހުއްޓުވާނެ ހަރުދަނާ ނިޒާމުތަކެއް ބިނާކުރުން ކަމަށް ވެސް އެ މިންސްޓްރީން ވަނީ ބުނެފައެވެ.