ކުދިންނަށް ރައްކާތެރިކަމާއެކު އިންޓަނޭޓް ބޭނުން ކުރެވޭނެ އުރީދޫގެ 5ޖީ އެއާފައިބާ ޕޭރެންޓަލް ކޮންޓްރޯލް "ޗައިލްޑްސޭފް" ހިދުމަތް ތައާރަފުކޮށްފިއެވެ.

މި ހިދުމަތް ތައާރަފްކޮށްފައި ވަނީ ދިވެހިން މުއާމަލާތްކުރުމާއި، މަސައްކަތްކުރުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެމުންދާ އޫރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

މި ހިދުމަތަކީ، އާއިލާތަކަށް ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި، އެ ކުންފުނިން ޝަރުތުހަމަވާ 5ޖީ އެއާފައިބާ ޕޭރެންޓަލް ކޮންޓްރޯލް "ޗައިލްޑްސޭފް" ހިދުމަތް ތައާރަފުކުރި ހިދުމަތެއް ކަމަށް އުރީދޫއިން ބުނެއެވެ.

މި ހިދުމަތުގެ ސަބަބުން އިންޓަނެޓް ބޭނުންކުރެވޭ މިންވަރު ކޮންޓްރޯލްކޮށް، ކުދިންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކޮށްދިނުމުގެ އިތުރުން، ގޭގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް ވަސީލަތްތަކުގައިވާ 'ޕޭރެންޓަލް ކޮންޓްރޯލް' ފީޗަރުތައް އެންމެ ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، 2026 އޯގަސްޓު މަހުގެ ނިޔަލަށް މި ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތިގައި ވާހަކަދައްކަވަމުން އޫރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ ވިދާޅުވީ ރާއްޖޭގައި އުރީދޫއިން ހިދުމަތްދޭތާ 21 އަހަރު ފުރުން ފާހަގަކުރަނީ ކަސްޓަމަރުން ކުންފުންޏަށް ކުރި އިތުބާރާއި އެކުގައި ކުރެވުނު ކާމިޔާބު ދަތުރެއްގެ ގޮތުގައި ކަމަށެވެ.

" އުރީދޫ މޯލްޑިވްސްއިން ހޯދާފައިވާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވަނީ ދިވެހި ރައްޔިތުންނާއި، އަޅުގަނޑުމެންގެ ޕާޓްނަރުންނާއި، އިހުލާސްތެރި މުވައްޒަފުން. އެކުގައި ހާސިލުކުރެވުނު ކަންކަމާމެދު ފަޚުރުވެރިވާ ހިނދު، އަޅުގަނޑުމެންގެ އަމާޒު ހުރީ އީޖާދީ ވަސީލަތްތަކާއެކު ފުރިހަމަ، ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މުސްތަގުބަލަށް،"

ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝާދީ ގަވާސްމީ

އެ ކުންފުންޏަށް 21 އަހަރު ފުރުން ފާހަގަކުރާއިރު، ރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމަށްޓަކައި އައު ޖީލުގެ ވަސީލަތްތަކަށާއި، ޑިޖިޓަލް ހިދުމަތްތަކަށާއި އިޖުތިމާއީ ހަރަކާތްތަކަށް އިންވެސްޓްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އޫރީދޫއިން ވަނީދީފައެވެ.