ބިދޭސީއެއްގެ އަތުން 10،000 ރުފިޔާ ފޭރުނު މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި، ހުޅުމާލެ ފޭސް 1 އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން، 10،000 ރުފިޔާ އޮތް ވޮލެޓެއް، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު އެވެ.

ފުލުހުން ބުނީ މި މައްސަލަ ހުށަހެޅުމާއެކު، ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި، އިންވެސްޓިގޭޝަން ގުޅިގެން ފެށި ކަމަށެވެ. އެގޮތުން ސީސީޓީވީ ފުޓޭޖް ބަލައި އެ މީހުން ހޯދުމަށް ކުރެވުނު މަސައްކަތުން އެރޭ 12:30 އެހައިކަންހާއިރު، އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަތަމާގެ / ގދ. ވާދޫ، ޢިޖާޒު ނަޞީރު (40އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ ވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، މި މަހުގެ 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް، އެ މީހާ މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ ބިދޭސީ މީހާގެ އަތުން އެ މީހުން ފޭރުނު ވޮލެޓާއި 10،000 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.