ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯއަށްވުރެން ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށާއި، މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް އައިސްފައިވާ މުދާ އުފުލާ އުޅަނދެއް ބަލައި ފާސްކުރުމުގެ ތެރޭގައި މާލެ ކޮމާޝަލް ހާބަރުން ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ 'މެތްއެމްފެޓަމީން' ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.2 ކިލޯ ހުރި އިރު، މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ، މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، މި މަހުގެ ތެރޭގައި ކަސްޓަމްސްއިން ހިންގި އެހެން އޮޕަރޭޝަންތަކަށް ބަލާއިރު، ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެއްޗާއި، ވައިގެ މަގުން އައްޑޫ ސިޓީއަށް އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެތިވެސް ވަނީ އަތުލައިގެންފަ އެވެ. އޭގެއިތުރުން ކަނޑުމަގުން އެތެރެކުރަން މަސައްކަތްކުރި މަސްތުވަތާތަކެތީގެ އިތުރު ޝިޕްމެންޓެއް އަތުލައިގަތުންވެސް ހިމެނެއެވެ.

ސަރުކާރުން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކަސްޓަމްސްއިން ދަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގައި ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.