ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ބޮޑެތި ހާދިސާތަކުގައި އެކި މުއައްސަސާތައް ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ނިޒާމު ހަރުދަނާކުރުމަށް، "ސްޓްރަކްޗަރޑް އެޕްރޯޗް ޓު މޭޖަރ އިންސިޑެންޓް މެނޭޖްމަންޓް" (ސެމީ) ގެ ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ހޯސްޓްކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.

ފުލުހުން ބުނި ގޮތުގައި، ތިން ދުވަހު މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތަކާއި، ސިއްހީ ދާއިރާގެ އިތުރުން ގުޅުންހުރި ދާއިރާތަކުން ޖުމްލަ 26 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ދިވެހި ފުލުހުންނާއި، އެންޑީއެމްއޭ އާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ އިތުރުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މާލެ އާއި ހުޅުމާލޭގެ ހޮސްޕިޓަލްތަކުގެ މަންދޫބުން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި ތަމްރީނުތަކުގައި ކިޔަވައިދެއްވީ، ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކުގައި ކޮމާންޑްކުރުމާއި އޮޕަރޭޝަނަލް ދާއިރާއިން ތަޖުރިބާކާރު އިނގިރޭސިވިލާތުގެ މާހިރެކެވެ. މި ޕްރޮގްރާމަކީ ބޮޑެތި ހާދިސާތަކުގައި ގިނަ މުއައްސަސާތައް ގުޅިގެން ކޮމާންޑް ސްޓްރަކްޗަރތައް ބޭނުންކުރުމަށާއި، ގުޅިގެން ނިންމުންތައް ނިންމުމުގެ އިތުރުން، ފުރާނައަށް ނުރައްކާވާފަދަ ހާލަތްތަކުގައި އަވަސް ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުުން ބުނެ އެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން، އަނިޔާވާ މީހުންނަށް ފަރުވާދިނުމުގައި އިސްކަންދޭނެ ތަރުތީބު (ޓްރަޔާޖް) ކަނޑައެޅުމާއި، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމާއި، އަދި ހާދިސާގެ އެންމެ ނާޒުކު ދަނޑިވަޅުތަކުގައި ހަލުވިކަމާއެކު ރަނގަޅު ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމުގައި ފުލުހުން ފާހަގަކުރެ އެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން، ޔޫކޭ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް ކޯޑިނޭޓަރ، މެޓް ޕޮޓްސް ވިދާޅުވީ، މި ތަމްރީނުގައި ދިވެހިރާއްޖޭގެ މުއައްސަސާތަކުން ބައިވެރިވުމުން ދައްކުވައިދެނީ، ކުއްލި ހާލަތްތަކުގައި އެކި އިދާރާތައް ގުޅިގެން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރުމަށް އެ އިދާރާތަކުން ދޭ އަހައްމިއްޔަތުކަން ކަމަށެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެމަރޖެންސީ ޕްރިޕެއަރޑްނެސް ޕްރޮގްރާމުގެ ދަށުން، މިފަދަ ގާބިލުކަން އިތުރުކުރުމުގެ ފުރުސަތެއް ފަހިކޮށްދެވުނީތީ އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ މި ތަމްރީނުގެ ސަބަބުން، ނުރައްކާތެރި އެކްސިޑެންޓްތަކާއި، އަލިފާނުގެ ހާދިސާތަކާއި، މޫސުމީ ބޮޑެތި ކާރިސާތަކުގެ އިތުރުން ގިނަ ބަޔަކަށް އެއްފަހަރާ އަނިޔާވާފަދަ ހާދިސާތަކުގައި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެ، އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ބަދަހި ގުޅުމުގެ ތެރެއިން، ރައްކާތެރިކަމާއި ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް އިނގިރޭސިވިލާތުން ދެމުންގެންދާ އެހީތެރިކަމުގެ ދަށުން، ކުރިއަށް އޮތް ތަނުގައިވެސް ގުޅިފައިވާ އިތުރު ތަމްރީނުތަކާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.