އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް މަރްޔަމް ނަޒުލީނާ އައްޔަންކޮށްފިއެވެ.
ޕީސީބީން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސްގެ މެންބަރުކަމުގެ މަޤާމަށް، ދަފްތަރު ނަންބަރ ރސ 8557، މަރްޔަމް ނަޒުލީނާ، މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
މަރިޔަމް ނަޒުލީނާއަކީ ފައިނޭންޝަލް ރިޕޯޓިންގ، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ، ފައިނޭންސް އަދި ޕަބްލިކް ސެކްޓަރ އެކައުންޓިންގ ދާއިރާގެ ފަންނީ ބޭފުޅެކެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއަރ އައި.އެފް.އެމް.އައި.އެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ.
ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށްވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ނަޒުލީނާ ވަނީ، ސެޕް އެފް.އައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނު ކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ފައިނޭންޝަލް ރިޕޯޓިންގ ޓީމުތައް އިސްވެ ބަލަހައްޓަވައި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓަރ ކުރުމުގެ މަސައްކަތްތަކުގައާއި، އި.ޕީ.އެސް.އޭ.އެސް އަދި އެކްރޫއަލް އެކައުންޓިންގ އިސްލާހީ މަސައްކަތްތަކުގައި މުހިންމު ހިއްސާއެއް ވެވަޑައިގަންނަވާފައެވެ.
ނަޒުލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން ބެޗްލަރ އޮފް ކޮމާސް ފުރިހަމަކުރައްވާފައެވެ.
"އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް އުފައްދަވާފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެތެރޭގައެވެ.
އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާރބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.