މާލޭގެ ބޮޑުތަކުރުފާނުމަގުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމައްޗަށްވާ ގޮތަށް އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި މަޝްރޫއު ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ. އެ ކައުންސިލްގެ އިއްތިފާގުން މި މައްސަލަ މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށް އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވާފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި އިމާރާތުގެ ޕްލޭންގައިވާ ގޮތުން، އިމާރާތުގެ ގްރައުންޑް ފްލޯ ހާއްސަކުރެވިފައިވަނީ ފެރީ ޓާމިނަލަކަށް ކަމަށެވެ. ޓާމިނަލްގެ ގްރައުންޑް ފްލޯގައި އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށާއި މާލެއިން ފުރާ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ހާއްސަ ފާހާނާބަރިތަކާއި، ލުއިކާނާ ލިބޭނެ މިނީ ޝޮޕެއްގެ އިތުރުން ނަމާދުކޮށްލުމަށް ހާއްސަ ކުޑަ ކޮޓަރިއެއްވެސް މި ފަންގިފިލާގައި ގާއިމުކުރުމަށް ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެ އިމާރާތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ސައިކަލް ޕާކު ކުރުމަށް ހާއްސަކޮށްފައި ވާއިރު މިއީ ކޮންމެ ރައްޔިތަކަށްވެސް ހިލޭ ސައިކަލް ޕާކުކުރެވޭނެ އިންތިޒާމެއް ކަމަށް ޒަހިއްޔާ ވިދާޅުވިއެވެ. އިމާރާތުގެ އެންމެ މަތީގައި ނުވަތަ ރޫފްޓޮޕްގައި ފުޑް ކޯޓުތަކެއް ހުންނާނެ ކަމަށާއި، އެތަނަށް އަރާ ފޭބުމަށް ލިފްޓެއް ބެހެއްޓިފައި ހުންނާނެ ކަމަށްވެސް އެ ޕްލޭންގައިވެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަހިއްޔާ ވިދާޅުވީ، މިކަމުގެ ސަބަބުން ލޯންޗުތަކުގައި މާލެ ދަތުރުކުރާ އަތޮޅުތެރޭގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ހިތްހަމަޖެހުން ގެނެސްދެވޭނެ ކަމަށާއި ޓެކްސީއެއް ލިބެންދެން ތުއްތު ދަރިފުޅު އުރާލައިގެން ގަދަ އަވީގައި މައިން ތިބެންޖެހޭ ތިބުމަށް ނިމުމެއް އަންނާނެ،ކަމަށެވެ. އަދި މި އިމާރާތުގައި ހިމެނޭ ފިހާރަ އާއި ފުޑް ކޯޓުތަކުން ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިވާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ މަގުތަކުގައި ޕާކުކުރުމުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، މިފަދަ ޒަމާނީ އިމާރާތެއްގެ ސަބަބުން މަގުމަތީގެ ތޮއްޖެހުން ކުޑަވެ، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށާއި، މިއީ މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ޒަމާނީ ހައްލެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ކައުންސިލުން ފާހަގަކުރެއެވެ.