ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 12:30 އިން ހަވީރު 4:00 އަށެވެ.

މެޓުން ބުނީ ސަމާލު ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.

މީގެ އިތުރުން މެޓުން ވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހުދު ސަމާލު ވެސް ނެރެފަ އެވެ. މެޓުން ހާމަކޮށްފައިވާ ގޮތުގައި އެ ސަރަހައްދަށް ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 10:45 އިން ހަވީރު 4:00 އާ ހަމައަށެވެ.

ހުދު ސަމާލު ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓުން ވަނީ ލަފާ ކޮށްފަ އެވެ.

މީގެ އިތުރުން، މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް މެޓުން ބުނެފައިވާ އިރު، ހާއްސަކޮށް ހުކުރު ދުވަހު ވަރަށް ބޮޑަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށާއި، ހޮނިހިރު ދުވަހުވެސް ވިއްސާރަވާނެކަމަށް މެޓުން ލަފާކުރެ އެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓުން ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި މިއަދުވެސް ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް މެޓުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި އައްސޭރިފަށުގެ ރަށްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ބުނީ، އާދިއްތަ ދުވަހުން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.