މީހުން ޓްރެފިކްކުރުން ހުއްޓުވުމަކީ މި ސަރުކާރުން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ދާހިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަކީ ބޭރުގެ މަސައްކަތްތެރިންގެ ބައިވެރިވުން ބޮޑު، ހުޅުވާލެވިފައިވާ އިގުތިސާދެއް އޮތް ގައުމަކަށް ވީހިނދު، ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށްމެ އިންސާނީ ކަރާމާތާއި ގާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.

އެ ވުޒާރާއިން ބުނީ މީހުން އެކްސްޕްލޮއިޓްކުރުން ނުވަތަ ނަހަމަ ބޭނުންހިފުން ހުއްޓުވުމަކީ މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ އެންމެހާ މުއައްސަސާތަކުގެ މަސްއޫލިއްޔަތެއް ކަމަށާއި އެއީ ދައުލަތުގެ ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި، ހޭލުންތެރި މުޖުތަމައުއެއްގެ އެހީތެރިކަމާއެކު މެނުވީ ހައްލުކުރެވޭނެ މަސްއޫލިއްޔަތެއް ނޫން ކަމަށެވެ.

މީގެ އިތުރުން، އިންސާނީ ވަގުފާރީއާއި އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، ފާއިތުވި އޭޕްރީލް މަހުގައި، މަސައްކަތްތެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ އެންމެހާ އިދާރާތަތާކާއި ބަހާތައް، އެ ވުޒާރާގެ ދަށަށް ބަދަލުކުރެވުމަކީ މިކުށާއި ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސްކުރުން ހަރުދަނާކުރުމަށް މަގުފަހިވި ނިންމުމެއް ކަމަށެވެ.

ހަމަމިއާއެކު، "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިން ސްޓްރެޓީޖިކް ޕްލޭން 2026-2028" ގެ ނަމުގައި ސަރުކާރުގެ އިދާރާތަކުން މިކުށާއި ދެކޮޅަށް މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް މިހާރު ޝާއިއު ކުރެވި، އަމަލު ކުރަން ފަށާފައިވާކަމަށާއި، އެ ޕްލޭނު ނިމިގެންދާއިރު، މިހާރު ދިމާވެފައިވާ ނިޒާމީ މައްސަލަތައް ހައްލު ކުރެވި، މުޅި ނިޒާމު ހަރުދަނާކުރެވިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ.

އެ ވުޒާރާއިން ބުނީ، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކުށް ހިނގުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމްކޮށް، ކުށްކުރުން ހުއްޓުވުން ކަމަށެވެ. އަދި އެ އަމާޒު ހާސިލްވެވޭނީ ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށްވާތީ، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފުޅާކުރަމުންދާ ކަމަށާއި، މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި، އައުމަށްފަހުވެސް އެމީހުންގެ ހައްގުތަކަށް ހޭލުންތެރިކުރުވައި، މައްސަލަ ހުށަހަޅާނެ ގޮތްތައް ބަޔާންކޮށްދިނުމަކީ އެކްސްޕްލޮއިޓޭޝަން މަދުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން، ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނާއި ޑިޖިޓަލް ސިސްޓަމްތަކުގެ އެހީގައި މައިގްރޭޝަން މެނޭޖްމަންޓް ހަރުދަނާކުރުމަކީވެސް މިނިޒާމުގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމުގައި ދާހިލީ ވުޒާރާއިން ފާހަގަކުރެއެވެ.

މިއަދަކީ ބައިނަލްއަގުވާމީ މުޖުތަމައުއާ ގުޅިގެން ފާހަގަ ކުރާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ނުވަތަ "މަކަރާއި ހީލަތުން ގައިދުކޮށްފައި" މި ޝިއާރުގެ ދަށުން ބާއްވާ، މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހެވެ.

މިއަހަރުގެ ޝިއާރުން ހަނދާންކޮށްދެނީ، މީހުން ޓްރެފިކްކުރުމުގެ ކުށަކީ ކުރިން ދަންނަ ކުށްކުރުމުގެ ވައްޓަފާޅިން ބޭރުވެ، ބަދަލުވަމުންދާ ނުރައްކަލެއް ކަން ކަމަށް ދާހިލީ ވުޒާރާއިން ބުނެފައިވާ އިރު، ޒަމާނީ ޓެކްނޯލޮޖީއާއި، ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ވަސީލަތްތަކުގެ ނަހަމަ ބޭނުން ހިފައިގެން، ވަޒީފާގެ ދޮގު އުންމީދުތައް ދީގެން، ގާނޫނާ ހިލާފު މަޖުބޫރުކުރުމުގެ އަމަލުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ. އެހެންކަމުން، މި ބަދަލުވަމުންދާ ކުށުގެ ވިއުގަތަކާ ދެކޮޅަށް އިޖާބަވެސް ހަރުދަނާކުރަން ޖެހޭ ކަމަށް ވުޒާރާއިން ބުނެއެވެ.

ދާހިލީ ވުޒާރާއިން ވަނީ މި ދުވަހުގެ މުނާސަބަތުގައި، މި މުހިންމު މަސައްކަތުގައި ހަރަކާތްތެރިވާ އެންމެހާ މުއައްސަސާތަކަށާއި، ޖަމްއިއްޔާތަކަށް ޝުކުރު އަދާކޮށްފަ އެވެ. އެ ވުޒާރާގެ އަމާޒަކީ އެންމެން ގުޅިގެން، ކޮންމެ މީހަކަށްމެ ބިރުވެރިކަމެއް ނެތި، އިންސާނީ ގަދަރާއި ކަރާމާތާއެކު ދިރިއުޅެވޭނެ އަމާން ރާއްޖެއެއް ބިނާކުރުން ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.