އަޔާޑާ މޯލްޑިވްސް ރިސޯޓުގެ ހެޑްލީސް ނުއަގުގައި ވިއްކާލަން އުޅޭތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ކުޑޫ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކުޑޫ، މޯލްޑީވްސް ޓޫރިޒަމް ޑިވަލޮޕްމެންޓް ކޯޕްރޭޝަން، އެމްޓީޑީސީ އަށް ފޮނުއްވި ސިޓީ އެއްގައި ވަނީ، އަޔާޑާ މޯލްޑިވްސް ރިސޯޓުގެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

ކުޑޫ ވަނީ 2006 ވަނަ އަހަރު ފެށިގެން ޓޫރިސްޓް ރިސޯޓެއް ހިންގަން އެމްޓީޑީސީ އަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާ، ތުރުކީ ވިލާތަށް ނިސްބަތްވާ ކުންފުންޏެއް ކަމުގައިވާ އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަބް-ލީޒް ކޮށްގެން އަޔާޑާ މޯލްޑިވްސްގެ ނަމުގައި ތަރައްގީ ކޮށް ހިންގަމުން އަންނަ ރިސޯޓުން ސަބްލީސް ރެންޓްގެ ގޮތުގައި އެ ކޯޕަރޭޝަނަށް ދާއިމީކޮށް އާމްދަނީ ލިބެމުން ދަނިކޮށް، އެ ރަށުގެ ހެޑް ލީސް ނުއަގުގައި ކުންފުންޏަކަށް ވިއްކާލިމުގެ މުއާމަލާތެއް ހިނގާ ކަމަށް ދާދިފަހުން މައުލޫމާތު ފެތުރިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ކުޑޫ ވިދާޅުވީ، އެ މުއާމަލާތާ ގުޅިގެން އެމްޓީޑީސީގެ ހިއްސާދާރުންގެ އިތުރުން އާންމު ރައްޔިތުން ނުހަނު ކަންބޮޑުވުން ފާޅުކުރަމުން އަންނާތީ، އެކަމާ ގުޅޭ ސައްހަ މައުލޫމާތު އެމްޓީޑީސީން އާންމު ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

އެމްޓީޑީސީ އަކީ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ވާތީ އާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ހިނގާ އިދާރާއެއް ކަމުގައި ވާތީ، އެ މުއަމަލާތާ ގުޅޭ ގޮތުން މައުލޫމާތު ކުޑޫއަށް ހިއްސާކުރުމަށްވެސް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.

ކުޑޫ ވަނީ އެ މައުލޫމާތާ ގުޅޭގޮތުން އެމްޓީޑީސީ އަށް 8 ސުވާލެއް ފޮނުއްވާފަ އެވެ. އަދި އެމްޓީޑީސީ އަކީ ރާއްޖޭގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ސީދާގޮތުން ހޯދައިދިނުމަށް އުފެއްދި ކުންފުންޏެއްކަން ފާހަގަކުރައްވާ ކުޑޫ ވިދާޅުވީ އެ ކުންފުންޏަށް އަންމު ރައްޔިތުންނާއި، ހިއްސާދާރުން ކުރާ އިތުބާރު ދެމެހެއްޓޭނީ މިފަދަ މުއާމަލާތްތައް ހިންގުމުގައި ހާމަކާއެކު އަމަލުކުރުމުން ކަމަށެވެ އަދި މައުލޫމާތު ހާމަ ކުރުމާ ގުޅޭ ކަނބޮޑުވުންތަކެއް ހުރި ނަނަ އެކަމެއް ހިއްސާކުރުމަށް ވެސް ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ.