ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ދެވަނަ ކުއާޓަރގެ ނަތީޖާ އާންމުކޮށްފިއެވެ.

މި ނަތީޖާ ދައްކާ ގޮތުން ބީއެމްއެލް އިން ވަނީ ހަރުދަނާ މާލީ ނަތީޖާއެއް ހާސިލުކޮށްފައެވެ. މިއީ ބޭންކުން ވޭތުވެދިޔަ އަހަރުތަކުގައި ހޯދަމުން އައި ރެކޯޑު ކާމިޔާބީތަކާއި، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޯދި ކުރިއެރުން ދަމަހައްޓައި، ހޯދާފައިވާ ނަތީޖާއެއް ކަމުގައި އެ ބޭންކުން ފާހަގަކުރެއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ދަމަހައްޓަމުންދާ ކުރިއެރުމާއި، ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި، ހިންގުން ހަރުދަނާ ކުރުމަށް ދިން އިސްކަމުގެ ސަބަބުން، ބޭރުގެ މާލީ މާހައުލަށް އަންނަ ބަދަލުތަކާއި ހުރި ގޮންޖެހުންތަކާއެކުވެސް، އެ ކުރިއެރުން ދެމެހެއްޓުމަށް މަގުފަހިވެފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެގޮތުން މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާގައި ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބޭންކުން މައުލޫމާތުދެއެވެ.

މިއީ ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދެމެހެއްޓެނިވި ކުރިއެރުން ދައްކުވައިދޭ އަދަދުތަކެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ މުއްދަތުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މީގެ ތެރޭގައި އިންޓްރެސްޓުން ހޯދޭ އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ. ބޭންކުގެ އާމްދަނީއާ އަޅައިބަލާއިރު ހިންގުމުގެ ޚަރަދު (ކޮސްޓް-ޓު-އިންކަމް ރޭޝިއޯ) ހުރީ 28 އިންސައްތައިގައެވެ.

މީގެއިތުރުން، ދެވަނަ ކުއާޓަރުގައި ބޭންކުގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަވެފައިވާއިރު، 30 ޖޫން 2026 އާ ހަމައަށް ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ މިންވަރު 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށާއި މިއީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ބޭންކުން ދެމުންދާ މާލީ އެހީތެރިކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް އެ ބޭންކުން ބުނެއެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި، ބީއެމްއެލް އިން ވަނީ އެކި ދާއިރާތަކަކަށް މުޅިން އަލަށް ޖުމްލަ 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މިއީ އިގްތިސާދީ ހަރަކާތްތަކާއި ޕްރައިވެޓް ސެކްޓާ ކުރިއެރުމަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށް ބޭންކުން ބުނެއެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ވެސް ބޭންކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެގޮތުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 166 މިލިއަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު (261,168 މުއާމަލާތް)، 20 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، ބީއެމްއެލް އިން ބުނީ ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 226 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައި ކަމަށެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

ޖުމްލަގޮތެއްގައި، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާއެކުވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.

ބީއެމްއެލް އިން ބުނީ މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެއް ކަމަށެވެ.

މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާކަން ކަމަށާއި ކަސްޓަމަރުންނާއި ޑިޖިޓަލް އީޖާދުތަކަށް ކުރާ އިންވެސްޓްމަންޓް

ބޭންކުގެ އުފެއްދުންތަކަށާއި، ޑިޖިޓަލް ޚިދުމަތްތަކަށާއި، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ސްޓްރެޓިޖިކް ޕާޓްނާޝިޕްތަކަށް ބޭންކުން ދަނީ އިންވެސްޓް ކުރަމުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މީގެ ތެރޭގައި ގެދޮރުވެރިކަމުގެ ފައިނޭންސިންގއަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި، މައިންޑްކޯއާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުމާއި، ލީޑަރޝިޕް ތަރައްގީކުރުން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ދަރަނީގެ މާލީ ބާޒާރުތަކަށް ވަނުމަށް ތައްޔާރުވުން ހިމެނޭ ކަމަށް ބީއެމްއެލް އިން ބުނެއެވެ.