އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށާއި އިންސާނީ ވަގުފާރިއާ މެދު މުޅި މުޖުތަމައު ސަމާލުވުމަށް ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވަނީ އާންގައުމުގެ އިގްތިސާދީ ކުރިއެރުމާއި، ޑިޖިޓަލް އަދި ފަންނިއްޔާތުގެ ކުރިއެރުންތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، އިންސާނުންނަށް ލިބޭ އަނިޔާތަކާއި ތަކުލީފުތަކުން ނަފާ ހޯދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށްޓަކައި، މުޖުތަމައުގެ އެކި ފަންތިތަކުގެ ޖަމްއިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ އިތުރުން ހުރިހާ ރައްޔިތުންވެސް އަބަދުމެ ސަމާލުވެ ތިބުމަށް ގޮވާލައްވާފަ އެވެ.

ރައީސް ވިދާޅުވީ، އިންސާނީ ކަރާމާތާއި، މިނިވަންކަމާއި، އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތުގައި ރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި މި އަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އިން ބާރުއަޅަނީ، އިންސާނީ ވަގުފާރީގެ އޮއިވަރު ބަދަލުވަމުންދާ ގޮތަށާއި، ކުށްކުރާ ވިއުގަތަކުން ފަންނިއްޔާތުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަމުންދާ މިންވަރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއީ މުޅި ސަރަހައްދަށްވެސް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށާއި، އޭގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ތިބޭ އެތައް ބަޔަކު ބޮޑެތި ސްކޭމް އޮޕަރޭޝަންތަކުގެ މަޅީގައި ޖެހި، މަޖުބޫރުން ކުށްތަކަށް އަރައިގަންނަން ޖެހޭ ހާލަތަށްދާކަމަށެވެ.

މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަގުވާމީ ބައިވެރިވުންތަކާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މައްޗަށް އިގްތިސާދު ބިނާވެފައިވާ ގައުމަކަށްވާއިރު، ރާއްޖޭގެ ބޯޑަރުގެ އެތެރޭގައި އުޅޭ ކޮންމެ މީހެއްގެވެސް އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، މި ޒިންމާ އަދާކުރުމަށްޓަކައި މި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކުރައްވައި، ސައްހަނޫން ވޯކް ޕާމިޓްތަކުގެ މައްސަލަ ހައްލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ހިންގާ އޮޕަރޭޝަން ކުރަނގި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވައިލި މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ގުޅޭ ފުރަތަމަ ގައުމީ އެކްޝަން ޕްލޭނާއި، ރާއްޖޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ބޮޑެތި އިސްލާހުތައް ގެންނަވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސިޔާސަތު ކަނޑައަޅާ ފެންވަރުގައި ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައްވައި، އަނިޔާ ލިބޭ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރާއި މައިގްރެންޓް ކަނެކްޓް ޕޯޓަލް ގާއިމުކޮށްފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި އިސްލާހުތަކުގެ ބޭނުމަކީ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ނާޖާއިޒު ފައިދާ ނަގާ ފަރާތްތައް ދެނެގަނެ، ކުށްވެރިން ޖަވާބުދާރީކުރުވުމަށް މުއައްސަސާތައް އިތުރަށް ގާބިލުކުރުންވެސް މީގެތެރެގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.