މި އަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ވެމްކޯގެ ޖެނެރަލް މެނޭޖަރު އިސްމާޢީލު އުބައިދު އެވެ.

އުބައިދު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވެމްކޯއާވެސް މުހިންމު މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ކުނިކޮށި ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 26 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމުގެ މަސައްކަތް ހަވާލުކޮށްފައިވާކަމަށް އުބައިދު ވިދާޅުވިއެވެ.

އުބައިދު ވިދާޅުވީ، ވެމްކޯގެ ޚިދުމަތް ފެށުމަށް ހަވާލުކޮށްފައިވާ 26 ރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރެވި، އިދާރީ ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ ޢަމަލީގޮތުން މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ވެހިކަލްތަކާއި، މެޝިނަރީތައް ހޯދުމުގެ މަސައްކަތްތައް ކަމަށެވެ.

މިއަހަރުތެރޭ އިތުރު 15 ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.